އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: ވަޒީރު

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 7 ޕާކިން ބިލްޑިންގްގެ ތެރެއިން ބާކީ ހުރި 6 އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ހުޅުމާލޭގައި ޖުމުލަ 7 ޕާކިން ބިލްޑިންގް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޚަލާގައި ފަށާފައިވާ ކަމަށެވެ. މީގެ ތެރެއިން ހުޅުމާލެ ފޭސް 1 ގައި 3 އިމާރާތް އަދި ފޭސް 2 ގައި 4 އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ބިންގާ އެޅި ޕާކިން ބިލްޑިންގަކީ ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޖެކްޓުގެ އުޞޫލުން ބެޗް ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ވަޒީރު ވިދާޅުވީ ބެޗް ކޮންސްޓްރަކްޝަނަކީ ޤާބިލް ކުންފުންޏެއް ކަމަށާއި، ކަނޑައަޅާފައިވާ 24 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި މަޝްރޫޢުތަކުގެ ތަފްޞީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، "ޕްރައިވެޓް އަދި ޕަބްލިކް ޕާކިން ސްޕޭސް ހިމެނޭ ގޮތަށް 4 ފުރޮޅުލީ އުޅަނދަށް 2600 ޖާގަ އަދި 1000 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ" މި އިމާރާތްތަކުގައި ހިމެނޭނެ ކަމަށެވެ. މިއީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ތަންތަން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޕާކިން ބިލްޑިންގްތައް ނިމުމުން މަގުތަކަށް އަމާންކަން ލިބި، ޖާގަ ނެތުމުގެ ސަބަބުން ވެހިކަލް ރެޖިސްޓަރކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. ބާކީ ހުރި ހުރިހާ އިމާރާތްތަކުގެ މަސައްކަތްވެސް މިހާރު އޮތީ ފެށުމުގެ މަރުޚަލާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން