ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާ މުޅިން އައު މިސްރާބަކަށް ގެންގޮސްދެއްވާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރި ޚިދުމަތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ނާޡިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި މިފަދަ ހަރުދަނާ ސިޔާސަތެއްގައި ދެމިތިބުމަކީ ދާއިރާގެ ކުރިއެރުމަށް އެންމެ މުހިންމު ކަންތައް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ މިސާލެއްގެ ގޮތުން، ރަށްރަށުގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 10 ރަށެއްގައި ޑައިލިސިސް ޚިދުމަތް ޤާއިމްކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައި މި ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު ބޮޑެތި އާބާދީތަކުގައި މި ޚިދުމަތް ލިބެން ހުރުމާއެކު މެދުފަންތީގެ އާބާދީތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމާއި، އަދި ޚާއްސަކޮށް މި ޒާތުގެ ބަލިތައް އިތުރުނަމަ މިތަންތަނަށް އިސްކަން ދީގެން މަސައްކަތް ކުރައްވާނީ،" ވަޒީރު ވިދާޅުވިއެވެ. ކަނޑުދަތުރުކޮށްފައި ޚިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި، ރައްޔިތުން ބޭނުންވަނީ ގާތުން ލުއިފަސޭހަކޮށް ޚިދުމަތް ލިބޭނެ ގޮތްވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ނިންމެވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 16 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ވަނީ ފެށިފައެވެ.
ވަޒީރު ވިދާޅުވީ، ކުދި އާބާދީތަކުގެ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑެތި ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކުގެ އުނދަގޫ ރައީސަށް އިހުސާސްކުރެއްވޭ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށްވެސް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.