އަސާސީ ބާވަތްތައް އެތެރެކުރެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަސާސީ ބާވަތްތައް އެތެރެކުރެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ސައީދު

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ މާކެޓްތަކުގެ އިތުރުން، އަސާސީ ބާވަތްތައް އެތެރެކުރެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި މުދާ އެތެރެކުރުމުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވި ގޮތުގައި، މިހާރުވެސް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ، ޗައިނާ، ތައިލެންޑް، މެލޭޝިއާ، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ކުރިން ވިޔަފާރީގެ ގުޅުން އެހާ ބޮޑަށް ގާއިމްވެފައި ނެތް އައު މާކެޓްތަކާއެކު ގުޅުން އުފެއްދުމަށް ފޮރިން މިނިސްޓްރީއާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހާއްސަ ގޮތެއްގައި އިންޑޮނޭޝިއާ ފަދަ ގައުމުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގްސް ފަދަ ތަކެތި ލިބޭ މާކެޓަކަށް ވާއިރު، އެ ގައުމުތަކުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާވެސް ލިބެން ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ބޭނުންވެއްޖެ ހާލަތެއްގައި އެ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވައިގެ މަގުންނާއި ކަނޑުގެ މަގުން މުދާ އުފުލޭނެ ކަނެކްޓިވިޓީ ވަރުގަދަކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކާއެކު މަޝްވަރާ ކުރަމުންދަނީ،" ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން އެންމެ އިސްކަމެއް ދޭނީ މުދާ ރައްކާކުރުމާއި މުދާ ގެނައުން މިހާރަށް ވުރެ ފަސޭހަކުރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން މުދާ ގެނައުން މަދުވި ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއާކާގޯ އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުދާ ގެނައުން ބޮޑަށް ދަށްވެފައިވަނީ ދުބާއީންނެވެ.

ހަނގުރާމައިގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ދިމާވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ ދާއިރާގެ ކަންކަން ވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއެކު ބޭއްވި ބައްދަލުވުމުން ލިބުނު މަޝްވަރާއާއި ހިޔާލުތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ތަނުގައި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އޮންލައިން