ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު، ރިސޯޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު، ރިސޯޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

ހަނގުރާމައާ ގުޅިގެން މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާތީ، ރިސޯޓުތަކުގެ ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރަހީމެވެ.

ވަޒީރު ތާރިޤް އިބްރަހީމް ވިދާޅުވީ، ރިސޯޓުތަކުގެ މެނޭޖްމަންޓުތަކަށް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޚިދުމަތް ދިނުމަށް ދަތިވާ ރިސޯޓުތަކަށް ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮށް އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބޭ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ" ކަމަށެވެ.

މާލީ އެހީތެރިކަމުގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ދަތުރުފަތުރާ ބެހޭ ވުޒާރާއާ ގުޅިގެން އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެ، ރިސޯޓުތަކުގެ ހިންގުން ހަރުދަނާކުރުމެވެ.

މިއަދު އޮންލައިން