މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ހޮވުމަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ ތާއީދުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ހޮވުމަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ ތާއީދުކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު މޫސާ ޢަލީ ޖަލީލް ޗަމްޕާގިރިއަށް ކުރެއްވި ޒިޔާރަތެއްގައެވެ.

މި ބައްދަލުވުމުގައި ޗަމްޕާ މުޙައްމަދު މޫސާ ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ، މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އިންތިޚާބުގައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އުއްޗު ވަނީ ދެއްވާފައެވެ.

އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި މޫސާ ޖަލީލް ދައްކަވާފައިވާ ކެރުމާއި، ހިތްވަރާއި ރީތި ނަމޫނާގެ ސަބަބުން، އެފަދަ ބޭފުޅުންގެ ޚިދުމަތް މިވަގުތު ޤައުމަށް ނުހަނު ބޭނުންވާކަމަށް އުއްޗު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވިދާޅުވިއެވެ. މިއީ މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް މުހިންމު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޫސާ ޢަލީ ޖަލީލް ވަނީ އޭނާއަށް ބައްދަލުކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އަދި މޭޔަރުކަމުގެ އިންތިޚާބުގައި އޭނާއަށް ތާއީދުކުރައްވައި އެންޑޯޒްކުރެއްވިކަމަށްޓަކައި ޗަމްޕާ މުޙައްމަދު މޫސާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މިއަދު އޮންލައިން