ދުނިޔޭގެ މަގުބޫލު ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި "ސީޒޭޝަނަލް ސަމަރ" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރު.ސީ) އިން ފަށައިފިއެވެ. މި ކެމްޕޭނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޫގުލް، ޑީ.ވީ 360، ޔޫޓިއުބް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް މެދުވެރިކޮށެވެ.
މި ޑިޖިޓަލް ކެމްޕޭނަކީ ކުރިއަށް އޮތް އެޕްރީލް، މޭ، ޖޫން އަދި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ޗުއްޓީ ހޭދަކުރުމަށް އިންޓަނެޓު މެދުވެރިކޮށް މައުލޫމާތު ހޯދާ ފަރާތްތަކާއި، ވަގުތުން ޗުއްޓީ ރޭވުން ނުވަތަ "ލާސްޓް މިނިޓް" ބުކިންގް ހަދާ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ.
ވިޒިޓް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި މި ކެމްޕޭނުގައި ބޮޑަށް އިސްކަންދެނީ ރާއްޖެއާ ކައިރި މާކެޓްތަކަށާއި ދަތުރުފަތުރުގެ ގުޅުން ބަދަހި ސަރަހައްދުތަކަށެވެ. މެދުއިރުމަތީގެ މިހާރުގެ މަސްރަހަށް ރިއާޔަތްކޮށް، ދަތުރުފަތުރުގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށް މި ކެމްޕޭނުގައި ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ.
އެގޮތުން އިންޑިއާ، ޗައިނާ، އަދި ރަޝިއާ ފަދަ ގައުމުތަކަށް ޚާއްސަކޮށްގެން "ހައިޕަރ-ޓާގެޓެޑް" މެސެޖުތައް ފޮނުވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ސީ.އައި.އެސް އަދި އޭސިއާން ގައުމުތަކަށް އަމާޒުކޮށްގެން ސަރަހައްދީ ފެންވަރުގައި އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.