ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމާއި ޤައުމެއްގެ ބޭންކިން ނިޒާމާއި ވަނީ ގުޅިލާމެހިފައި: ބީއެމްއެލްގެ ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމާއި ޤައުމެއްގެ ބޭންކިން ނިޒާމާއި ވަނީ ގުޅިލާމެހިފައި: ބީއެމްއެލްގެ ސީއީއޯ

ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމާއި ޤައުމެއްގެ ބޭންކިން ނިޒާމާއި ވަނީ ގުޅިލާމެހިފައި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ ހަމައެކަނި މާލީ ފައިދާ ހޯދުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ޤައުމީ ބޭންކުގެ އެންމެ މުހިންމު އެއް ދައުރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމާއި ޤައުމެއްގެ ބޭންކިން ނިޒާމާއި ވަނީ ގުޅިލާމެހިފައި. އަޅުގަނޑު ދެކޭ ގޮތުގައި ބޭންކުގެ އެންމެ އިސް މަސްއޫލިއްޔަތަކީ ހަަމައެކަނީ މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަކީ ޤައުމީ ބޭންކުގެ އެންމެ މުހިންމު ދައުރެއް،" ޝަރީފް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ 'އެންމެންނަށް ބޯހިޔާވަހިކަން' ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢަކީ ބޭންކުގެ މި މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދޭ މުހިންމު މަޝްރޫޢެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ޑިމާންޑާއި އެއްވަރަށް ތަންތަން ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހިފައިވާ މާލީ ދަތިތަކަށް މި މަޝްރޫޢުގެ ތެރެއިން އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މިއަދު އޮންލައިން