އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ ޚިދުމަތް ކުރުމުގެ ވަގުތު ބޭކާރުވިޔަ ނުދިނުމަށް ނިންމަންޖެހޭ ކަމެއް: ވަޒީރު މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ ޚިދުމަތް ކުރުމުގެ ވަގުތު ބޭކާރުވިޔަ ނުދިނުމަށް ނިންމަންޖެހޭ ކަމެއް: ވަޒީރު މުއްޠަލިބް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ހަމައެކަނި އިދާރީ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ވަގުތު ބޭކާރު ވިޔަނުދިނުމަށްޓަކައި ނިންމަންޖެހޭ މުހިންމު ނިންމުމެއް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ އަޣުލަބިއްޔަތުން 5 އަހަރުގެ ދައުރަކަށް ހޮވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ރަނގަޅަށް ނުފެށެނީސް، އުމުރު ހަމަވާ މަޖިލީހަކުން ނިންމާ ނިންމުންތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

މި ސަރުކާރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، "މިސަރުކާރުގެ ފުރަތަމަ އަހަރު ކުރަން ބޭނުންވި އެތައްކަމެއް ނުކުރެވުނީ ނިމިދިޔަ މަޖިލީހުން ސަރުކާރުގެ އެޖެންޑާއަށް ނުބަލާ ފާސްކުރި ބަޖެޓެއްގެ ސަބަބުން. މިސަރުކާރުގެ ފުރަތަމަ އަހަރު ވެރިކަން ކުރަން ޖެހުނީ ކުރީ ސަރުކަރުން ހެދި ބަޖެޓަކަށް. ސަރުކާރު ވެރިކަމާ ހަވާލުވިއިރު އުމުރު ހަމަވާން 6 މަހަށް ވެފައި އޮތް މަޖިލީހަކުން ފާސްކޮށްފައިވާ ބަޖެޓަކުން،" ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ބަޖެޓް ތައްޔާރުކޮށްފައިވަނީ ރައްޔިތުން އަލަށް ހޮވި ސަރުކާރުގެ އެޖެންޑާއަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. މީގެ ނަތީޖާއަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލަސްވެ، ސަރުކާރުގެ މަސައްކަތްތަކަށް ބުރުއެރުން ކަމަށް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ޚިދުމަތްތައް ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގެއްލިގެންދާ ކޮންމެ ވަގުތަކީ ބޯހިޔާވަހިކަމެއް ނެތި ހާލުގައި އުޅޭ އާއިލާތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި މިއީ ބަދަލަކަށް އެދިއެދި ތިބި ރައްޔިތުންގެ އުންމީދުތަކަށް ލިބޭ ނުތަނަވަސްކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި ނިންމުމަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، އިންތިޚާބުވާ ސަރުކާރަކަށް އެ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފުރުސަތު ހޯދައިދިނުމަށް ކޮންމެހެން ބޭނުންތެރި އިސްލާހެއް ކަމަށް ސަރުކާރުން ދެކެއެވެ.

މިއަދު އޮންލައިން