ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސްތައް ފާހަގަކޮށް ހިތްވަރުދެމުއެވެ. ނަމަވެސް އެކަން ވެފައި އޮންނަނީ ކަމަކަށް ކަމެއް ކުރުމުގެ ބޭނުމުގައި ކުރާ ކަމަކަށެވެ. މިހެން ބުނަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ.
މިސުވާލު އަމާޒުމިކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންދެކެ މާބޮޑަށް ލޯބިވާކަމަށް ހެދިގެން ޖަމިއްޔާތައް ހަދައިގެން އުޅޭ ޒުވާނުންނަށެވެ. ސުވާލަކީ "ތިއަދައްކާ މޮޅު ވާހަކަތައް ދައްކަން ޙަޔާތުގެ ބައިވެރިއަކަށް ނުކުޅެދުންތެރިކަން ހުރި މީހަކު އިޚްތިޔާރުކޮށް އޭނާގެ އަތުގައި ހިފާލައިގެން ސްޓޭޖްތަކަށް އަރައިނުލަނީ ކީއްވެގެން ހެއްޔެވެ؟"
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ މުހިންމު ކަމުގެ ވާހަކަ ގިނަ ބައަކު ދައްކާނެއެވެ. ނަމަވެސް އެފަދަ މީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށްދޭން ކެރެނީ ހާދަމަދު މީހަކަށެވެ. މިބުނަނީ އެފަދަ އަންހެނަކާއި ނުވަތަ ފިރިހެނަކާއި ކައިވެނިކޮށް އޭނާގެ ބުރަ އުފުލައިގެން އޭނާ ގޮވައިގެން ދިރިއުޅުމުގެ ވާހަކައެވެ.
ތިރީގައިވާ ވާހަކައަކީ ލޯފަން މީހަކަށްވުމުން ކައިވެނިކުރަން ދެކޮޅު ހެދި އަންހެނަކަށް ކުރަންޖެހުނު ހިތިތަޖުރިބާތަކެއްގެ ވާހަކައެވެ. ހަމައެފަދައިން ލަދުވެތިވާންވެސް ޖެހި އަދި ޝުކުރުވެރިވާންވެސް ޖެހުނު ގޮތުގެ ވަރަށް ޢިބްރަތްތެރި ވާހަކައެވެ.
ވާހަކަ ވިދާޅުވެލައްވާށެވެ!
އަހަރެންގެ އަވަށްޓެރިންގެ ތެރޭގައި ލޯފަން މީހަކު ހުރެއެވެ. އޭނާގެ ލޮލަށް އަހަރެން ނުފެނުނު ނަމަވެސް އަހަރެންގެ އަޑާއި ވަހުން އޭނާ އަހަރެން ފާހަގަކުރެއެވެ. އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށްވެސް ބުނެއެވެ.
އޭނާއަކީ ރީތިވެސް މީހެކެވެ. ނަމަވެސް ލޯފަން މީހަކަށްވުމުން އަހަރެން އޭނާއަށް ޖަވާބެއް ނުދެމެވެ. ވިސްނިފައި އޮންނަނީ އޭނާއަށް އާމްދަނީ ނުލިބޭނެ ކަމަށާއި އަންތބަކު ގޮވައިގެން ދިރިނުއުޅެވޭނެ ކަމަށެވެ.
ކޮންމެއަކަސް އޭނާ ދެރަވެދާނެތީ ކައިވެނި ނުކުރާނަން ކަމަކަށް ނުބުނަމެވެ. އެހެން ނުބުނި ނަމަވެސް އަހަރެން ނިންމައިގެން ހުރީ އޭނާއާއި ނުގުޅުމަށެވެ. އެހެންވެ ކައިވެނިކުރީ ދުރު އަވަށެއްގެ މީހަކާއެވެ. ކައިވެނިކޮށްގެން އޭނާގެ އަވަށަށް ދިއައީއެވެ. އެއީ އަހަރެން ކައިވެނިކޮށްފިކަން އެނގިއްޖެނަމަ އޭނާ ދެރަވާނެތީއެވެ. ދަމުން ޢާއިލާގެ މީހުންގެ ގާތުގައިވެސް އޭނާއަށް ސިއްރުކޮށްދޭން ބުނީމެވެ.
ކަންކަން ދިމާވީ ހީވެސް ނުކުރެވޭފަދަ ގޮތަކަށެވެ. ކައިވެންޏަށް އަހަރުފުރުނުތަނާ އަހަރެންގެ މޫނުގައި ތިކިތަކެއް ޖަހައި ބޮޑުވާން ފަށައިފިއެވެ. މޫނުގެ ރީތިކަން ގެއްލި ސިފަ ހުތުރުވެވެއްޖެއެވެ. ޑޮކްޓަރުން ބުނަނީ އެކަމަށް ބޭހެއް ހޯދިފައިނުވާކަމަށެވެ. އެކަމެއް ޖެހުނުތާ 2.3 މަސްވެސް ނުވަނީސް ފިރިމީހާ އަހރެންގެމަތިން ފޫހިވެ ވަރިކޮށްލައިފިއެވެ.
އެނބުރި ދާންޖެހުނީއެވެ. އަހަރެން ގެއަށް ގޮސް އުޅެން ފެށިތަނާ ލޯފަން މީހާ އަނެއްކާވެސް އަހަރެން ފަހަތުން އުޅެން ފަށައިފިއެވެ. ކައިވެންޏަށް އެދެން ފަށައިފިއެވެ. އެއިރު އޭނާ ވަނީ މަސައްކަތެއްވެސް ދަސްކޮށްފައެވެ. އެއީ ފައިވާންހެދުމެވެ. ލޯއަލި މީހަކު ކުރާ ފަދައިން އޭނާ އެ މަސައްކަތްކުރެއެވެ. އޭނާ ހަދާން ފައިވާން މީހުން ބޮޑުއަގުގައިވެސް ގަނެއެވެ. އެއީ ލޯފަންމީހަކު ކުރާ މަސައްކަތަކަށްވާތީއެވެ.
އަހަރެން އޭނާގެ އެދުން ޤަބޫލުކުރީމެވެ. އެއީ އަހަރެންގެ މޫނުގައި ޖަހާފައިވާ ލައްތައް އޭނާއަށް ނުފެންނާނެތީއެވެ. އަދި އޭނާ އަހަރެންދެކެ ފޫހިނުވާނެތީއެވެ.
ދެންވީގޮތްވެސް ބުނެދޭނަމެވެ. ކައިވެންޏަށް 6 މަސްވަރުވީތަނާ އޭނާ އަތުން ފައިވާން ގަންނަން އަންނަ ޑޮކްޓަރަކު އޭނާގެ ލޯބަލާފައި އުންމީދެއް ދީފިއެވެ. އޮޕަރޭޝަނެއްކޮށްގެން ފެނުމުގެ ފުރުޞަތު އެބައޮތްކަމަށް ބުނެފިއެވެ.
އަނެއްކާވެސް މައްސަލައެކެވެ. އޭނާގެ ލޮލަށް އަހަރެންގެ މޫނު ފެނިއްޖެނަމަ އަހަރެން ޤަބޫލުކުރާނެ ހެއްޔެވެ؟ އަންތބެއްގެ ގޮތުގައި ބައިންދާނެ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް އޮޕަރޭޝަން ކުރަން ހުރަހެއް ނުއެޅޭނެއެވެ. އަޅައިގެންވެސް ނުވާނެއެވެ. އެހެންވެ ކެތްތެރިވެގެން މަޑުންހުރީއެވެ.
އޮޕަރޭޝަންކޮށްފިއެވެ. އޮޕަރޭޝަން ކާމިޔާބެވެ. ލޮލަށް ފެނުން ލިބިއްޖެއެވެ. 6 މަސްދުވަސް ފާއިތުވިއިރުވެސް އަޅުގަނޑުގެ މޫނުގެ ސިފައާއިބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމަ ކުރިން އުޅުނު ގޮތަށް ލޯބިން އުޅޭތީ ކެތްނުކުރެވިގެން އެކަމާއި އަޅުގަނޑު އަމިއްލައަށް ސުވާލުކުރުމުން ބުންޏެވެ. "އަހަރެން ކަލޭދެކެ ލޯބިވީ މޫނުގެ ސިފަފެނިގެން އެސިފަރީތިވެގެނެއް ނޫނެވެ. ކަލޭ ކުރިން ކައިވެންޏެއްކުރިކަމާއި އެކައިވެނި ރޫޅުނު ސަބަބުވެސް އެނގެއެވެ. އަހަރެން ކަލެއާއި އެކައިވެނިކުރީވެސް އެކަން އެނގިހުރެއެވެ. އެއިރު ނުފެންނަނީ ލޮލަށެވެ. ހިތަށް ފެނެއެވެ. ހިތަށް ފެންނަނީ ހުވަފެނުގައި ކަންކަން ފެންނާތީއެވެ. އަދި ކަލޭގެ މޫނުގައި ޖަހާފައިވާ ލައްތައް ފިލައި މޫނުގެ ސިފަވެސް ރީތިވާނެއެވެ. އިން ޝާ ﷲ"
އެކަންވީވެސް ހަމަ އެހެންނެވެ. ފުރަތަމަ ދަރިފުޅު ވިހެއުމާއިއެކު މަޑުމަޑުން ލައްތައް ފިލަމުންގޮސް ކުޑަދުވަސްކޮޅެއްގެތެރޭގައި އެކުގައި ފިލައިފިއެވެ. ކުރިން ހުރިފަދަ މޫނެއް ލިބިއްޖެއެވެ. ޢުމުރުން މިހާރު 50 އަހަރުވީއެވެ. އެފަދަ އެއްވެސް ކަމެއް ފަހަކުން މެދުވެރިއެއް ނުވެއެވެ. އިން ޝާ ﷲ
- ޒައިނަބް / ލާހޯރު، ޕާކިސްތާން
- ޢިބްރަތްތެރި ވާހަކަ-