ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކޮށްފިއެވެ.
ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށް. ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދޭ."
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށެވެ.