ރާއްޖޭގައި ސްޕިއާ ފިޝިންއަށް ހުއްދަދިނުމަށްޓަކައި އެކަމަށް ބޭނުންވާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ސްޕިއާ ފިޝިން މަނާކޮށްފައި އޮންނާތާ މިހާރު 40 ވަރަކަށް އަހަރު ވެފައިވީ ނަމަވެސް، ސަރުކާރުން މިހާރު ވަނީ މި ހަރަކާތަށް ހުއްދަ ދިނުމަށް ނިންމާފައެވެ.
މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، ސްޕިއާ ފިޝިންއަށް ހުއްދަދިނުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްޕިއާ ފިޝިންއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ޑައިވިންގެ ބާވަތެކެވެ. "މިއީ ވަރަށް މަޤުބޫލު ބާވަތެއްގެ ޑައިވިންއެއް، އިންޑަސްޓްރީގެ ފަރާތަތްކާއެކު ވާހަކަދައްކަމުން މިދަނީ، ރެގިއުލޭޝަންއަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އޭޕްރީލް މަހުގެ ތެރޭގައި 40 މީޓަރަށް ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ހުޅުވާލެވޭނެ ކަމަށްވެސް ވަޒީރު ޠާރިޤު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.