ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާ ސަރަޙައްދުގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާ ސަރަޙައްދުގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް 90 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތާއި، މިހާރު ހުރި އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.

މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ފެނާއި ނަރުދަމާގެ އައު ހޮޅިތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށެވެ. މިއީ މަގު ހެދުމުގެ މަސައްކަތް ނިމޭއިރު، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ މި ސަރަޙައްދުގައި ޕޭވްމަންޓް ނުވަތަ ސައިޑްވޯކް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެމްޓީސީސީން ބުނިގޮތުގައި މަޝްރޫޢުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާލުމެވެ.

މިއަދު އޮންލައިން