މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ރަށެއްގައި އެކްސްރޭގެ ޚިދުމަތް އަލަށް ގާއިމްކުރި 4 ވަނަ ރަށެވެ.
ށ. މިލަންދޫ ޞިއްޙީ މަރުކަޒުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ކައުންސިލްގެ މެމްބަރުންނާއި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިލަންދޫގައި މި ޚިދުމަތް ފެށުމަކީ އެ ރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެ ކުރިން އެކްސްރޭއެއް ނެގުމަށްޓަކައި އެ ރަށުގެ ރައްޔިތުންނަށް ޖެހެނީ މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރާށެވެ. ނަމަވެސް މިއަދު މި ފެށުނު ޚިދުމަތާއެކު، ރަށުން ބޭރަށް ދާންޖެހުމުގެ ތަކުލީފު ކުޑަވެ، ފަސޭހަކަމާއެކު ރަށުގައި ތިބެގެން އެކްސްރޭ ނެގުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ.
ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމެވެ. މިލަންދޫގައި މި ގާއިމްކުރެވުނު އެކްސްރޭގެ ޚިދުމަތަކީ މި މަސައްކަތުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަޝްރޫޢެކެވެ.