ޑަޔަލިސިސްގެ ޚިދުމަތް ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޑަޔަލިސިސްގެ ޚިދުމަތް ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ފަށައިފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމްކުރި 11 ވަނަ ރަށެވެ.

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންޑޫގައި އަލަށް ހުޅުވި ޑަޔަލިސިސް ސެންޓަރަކީ އެއްފަހަރާ ދެ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަނެކެވެ. މީގެ އިތުރުން، މި ސެންޓަރުގައި ޚާއްސަ އައިސޮލޭޝަން ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

ޑަޔަލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ މަސައްކަތް ކުރާ މިންވަރު ވަކިވަރަކަށްވުރެ ދަށްވުމުން، ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކުރުމަށް ދޭ ފަރުވާއެކެވެ. މި ފަރުވާ ހޯދާ ބަލިމީހުން ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ދުވަހު، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަކުރަން ޖެހެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މިއަދު އޮންލައިން