ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް ރާއްޖެ ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް ރާއްޖެ ގެނެސްފި

ދިހަ ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާއި، ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށްޓަކައި ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފިއެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި މި ނޫޓުތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރަން ފަށާނީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.

އެމްއެމްއޭއިން ބުނީ 10 ރުފިޔާގެ ނޫޓަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމުން، ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް މި ނޫޓު ބޭނުންކުރާ މިންވަރު ވަރަށް އިތުރު ކަމަށެވެ. މީގެ ސަބަބުން ނޫޓުތައް ހަލާކުވާ މިންވަރު އަވަސްވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި ބޮޑެތި މުއާމަލާތްތަކުގައި މި ނޫޓު ބޭނުންނުކުރާތީ، ބޭންކުތަކަށް ފައިސާ ޖަމާކުރާއިރު 10 ރުފިޔާގެ ނޫޓު ލިބޭ މިންވަރު މަދުކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

މިފަހަރު އަލަށް ގެނައި 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުގައި ޖަހާފައިވަނީ 31 ޖުލައި 2025 ގެ ތާރީޚެވެ. މި ޗާޕުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވުމެވެ. މި ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކު އަދި ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުގައެވެ.

މިއީ "ރަންދިހަ ފަހެއް" ސީރީޒް ތައާރަފްކުރި ފަހުން 10 ރުފިޔާގެ ނޫޓު ޗާޕްކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާއެކު އަދި 2018 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮޔާއެކު މި ނޫޓު ވަނީ ޗާޕްކޮށްފައެވެ. އެމްއެމްއޭއިން ބުނީ މިހާރު ބޭނުންކުރާ ސީރީޒަށް 10 އަހަރުވެފައިވުމުން، ބާނޫޓުގެ ގޮތުގައި ލިބޭ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އަލަށް ނެރޭ ނޫޓުތަކާއެކު މިހާރު ބޭނުންކުރަމުންދާ 10 ރުފިޔާގެ ނޫޓުތައްވެސް އެކުގައި ދައުރުވަމުންދާނެއެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި ކޮންމެ އަހަރަކުވެސް އައު ނޫޓުތައް ދައުރުވުމަށް ނެރެނީ އިގްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ފޯރުކޮށްދިނުމަށާއި، ދައުރުވާ ފައިސާއަކީ ރަނގަޅު ފެންވަރެއްގައި ހުރި ފައިސާއަށް ހެދުމުގެ މަގްސަދުގައެވެ.

މިއަދު އޮންލައިން