ލޯފަން މީހުންނަށް ފުރައްސާރަކޮށް ޝާހިދު ދެއްކި ވާހަކަތައް ކުށްވެރި ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ލޯފަން މީހުންނަށް ފުރައްސާރަކޮށް ޝާހިދު ދެއްކި ވާހަކަތައް ކުށްވެރި ކޮށްފި

ލޯފަން މީހުންނަށް ފުރައްސާރަކޮށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ހުތުރު ވާހަކަތައް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މާރިޗު 28 ވަނަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ބޭއްވި "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ޖަލްސާގައި ޝާހިދު ވާހަކަދައްކަވާފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަންލިބޭފަދަ އަދި އެބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ކަމަށެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ. އަދި އެފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ ޤާނޫނީ ގޮތުން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަދެއްކެވުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ކައުންސިލުން ދެކެއެވެ. "މިފަދަ ބަސްތައް މުޖުތަމައުގައި އާންމުވެގެންދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެކަމުގެ ސަބަބުން އެބޭފުޅުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއް" ކަމަށް ބަޔާނުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކޮށް، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގައި ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުގައި ކުރާ މަސައްކަތުގައި އެ ކައުންސިލް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

މިއަދު އޮންލައިން