ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް، މިހާރު ދެމުންދާ ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިގޮތަށް ނިންމާފައިވަނީ ހައި އެޗީވަރސް ސްކޮލަރޝިޕާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތަކާ އެކުގައެވެ.
މި ބަދަލާ ގުޅޭގޮތުން މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރަޙީމް ވިދާޅުވީ، މި އެލަވަންސް ދޭން ހަމަޖެއްސީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން ސްޓައިޕެންޑުގެ އިތުރަށް ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕް ދިނުމުގެ އާ އުސޫލުގައިވާ ގޮތުން، މި ސްކޮލަރޝިޕް ލިބޭނީ އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި، އެސްއެސްސީގެ ދިވެހި އަދި އިސްލާމް ހިމެނޭހެން ފަސް މާއްދާގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓަރ' އަދި ބާކީ ހަތަރު މާއްދާއިން މަދުވެގެން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. މީގެ އިތުރުން އިނގިރޭސި މާއްދާއިން އޯލެވެލް ފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 'ސީ' ފާހެއް އޮންނަން ޖެހެއެވެ.
ޝަހާދާ ޘާނަވިއްޔާ ހަދާ ދަރިވަރުންނަށްވެސް މި ފުރުޞަތު އޮންނާނެއެވެ. އެގޮތުން އެ ދަރިވަރަކު ކިޔެވި ސްޓްރީމްގައި ހިމެނޭ ހުރިހާ މާއްދާތަކަކާއި، އެޗްއެސްސީގެ ދިވެހި، އިސްލާމްގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓަރ' އަދި އެހެން މާއްދާތަކުން މަދުވެގެން 'އޭ' ގްރޭޑް ހޯދަން ޖެހެއެވެ.
ކުރިން އަމަލުކުރަމުން އައި އުސޫލުގައި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބެނީ ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް އާ އުސޫލާއެކު ޝަރުތުތަކަށް ބަދަލު އައިސް، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް މާލީ އިތުރު އެހީތެރިކަން ލިބޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.
މިއީ އޭލެވެލް ނިންމާ އެންމެ މޮޅު ދަރިވަރުން ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާގައި ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ސިފަކުރެއެވެ.