ރ. މާކުރަތު ޞިއްޙީ މަރުކަޒުގައި އަލަށް ގާއިމުކުރި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށްޓަކައި މިއަދު އެ ރަށުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، މާކުރަތު ކައުންސިލްގެ އިސްވެރިންގެ އިތުރުން ޞިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ މާކުރަތު ޞިއްޙީ މަރުކަޒުގެ ސީނިއާ މެނޭޖްމަންޓް ޓީމް (އެސްއެމްޓީ) އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަރުކަޒުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ޚިދުމަތް ދިނުމުގައި ހުރި ދަތިތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމުގެ ކުރިން، އެ ރަށުގެ ރައްޔިތުން ޓެސްޓުތައް ހެދުމަށްޓަކައި ދާންޖެހެނީ އަތޮޅުގެ އެހެން ރަށްރަށަށެވެ. ނަމަވެސް މި ޚިދުމަތާއެކު، ރަށުގައި ތިބެގެން ލޭ އެޅުމުގެ ޚިދުމަތާއި އާންމު ބައެއް ޓެސްޓުތައް ހެދުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.
މި އާ ޚިދުމަތުގެ ސަބަބުން ރަށުން ބޭރަށް ދަތުރުކުރުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.