ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށަނީ

ޤަޠަރުގެ ގައުމީ އެއާލައިން، ޤަޠަރު އެއާވޭސް އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީ މެދުކަނޑާލުމަކަށްފަހު އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައިވަނީ މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުންނެވެ.

ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ޤަޠަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މިގޮތުން ކޮންމެ ހަފުތާއަކު 5 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖެއާއި ޤަޠަރާ ދެމެދު ވައިގެ މަގުން ގުޅާލުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ޤަޠަރު އެއާވޭސްއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލައިދޭ އެއް އެއާލައިނެވެ. މި ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި، ޔޫރަޕް އަދި އެމެރިކާ ފަދަ ބައްރުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެ، ފަސޭހަވެގެންދާނެ ކަމަށް އެ އެއާލައިނުން ދެކެއެވެ.

ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޤަޠަރު އެއާވޭސްއިން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން "ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި ދަތުރުކުރާ ތާރީޚު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ" ކަމަށް އެ އެއާލައިނުން ވިދާޅުވެއެވެ.

މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ސިނާއަތުގެ މާހިރުން ގަބޫލުކުރެއެވެ.

މިއަދު އޮންލައިން