ހުޅުމާލޭގައި އަލަށް ފެށި އެފޯޑަބަލް ހައުސިންގ މަޝްރޫޢަކީ ރައްޔިތުންނަށް ރައްކާތެރި، ޒަމާނީ އަދި އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެ ކުންފުނީގެ ޗެއަރމަންގެ ސްޕެޝަލް އެންވޯއީ ޖަންގ-ޝިއާއޯ-ޝުއެންއެވެ.
ހުޅުމާލޭގައި އިމާރާތްކުރާ 1,190 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަންގ-ޝިއާއޯ-ޝުއެން ވިދާޅުވީ، މިއީ ހަމައެކަނި ނަމަކަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އަތްފޯރާފަށުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރެވޭ އަމަލީ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ އަގުތަކަށް ހެޔޮ ބަދަލެއް އައިސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބީޔޫސީޖީން ގަބޫލުކުރެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް ކުރާ އިތުބާރާއި ދޭ އެއްބާރުލުމަށްޓަކައި ޖަންގ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ "އަޅުގަނޑުމެންގެ މަސައްކަތުން ދިވެހި ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި ދިރިއުޅުމުގެ ފަސޭހަކަމުގެ ގޮތުން ހަގީގީ މަންފާތަކެއް ލިބިފައިވާކަން އެނގުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް" ކަމަށެވެ. މި މަޝްރޫޢަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢެއްގެ ގޮތުގައި ބެލެވެއެވެ.