ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި އެޗްޑީސީން ކަނޑާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި އެޗްޑީސީން ކަނޑާލައިފި

ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ދެ އަހަރު ދުވަހުގެ ކުލި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ. މި ނިންމުމަކީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މިކަން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާގައި ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައިވާ ގޮތުން، ފްލެޓުގެ ފިނިޝިން މަސައްކަތާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި މިހާތަނަށް ނުދެއްކި ހުރި ފައިސާ އުނިކުރެވޭނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ހަމަކުރުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރު ދުވަހު އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް، ކުލި ކަނޑާލި ކަމުގައިވީ ނަމަވެސް، މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 1،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. މީގެ ކުރިން މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ކޮންމެ މަހަކު އެޗްޑީސީއަށް 4،984 ރުފިޔާ ދައްކަން ޖެހެއެވެ. މި އާ ބަދަލާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހު ފްލެޓްގެ ވެރިން ހަމައެކަނި ދައްކަން ޖެހޭނީ މެއިންޓަނަންސް ފީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާއެވެ.

މިއަދު އޮންލައިން