ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވައިފިއެވެ. ސަރުކާރުން މިހާރު ވަނީ މިކަމާ ގުޅޭ އުސޫލުތަކަށް ބަދަލުތައް ގެންނަވައި، އެ އުސޫލު ގެޒެޓް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު ކުރިން އޮންނަ ގޮތުން، ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ މަތީ ތަޢުލީމާއި ވުޒާރާއިން ކަނޑައަޅާ ވަކި ދާއިރާތަކަކުންނެވެ. ނަމަވެސް، އުސޫލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުން ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖެއްސެވުމެވެ.

މި ބަދަލުތަކުގެ އިތުރުން، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރުއެޅުމުގެ ގޮތުން ވެސް މުހިއްމު ބަދަލެއް ވަނީ ގެންނަވާފައެވެ. އެގޮތުން، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ އިތުރުން 6,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމަވާފައެވެ.

އަލަށް ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން ކިޔަވައި ނިމުމަށްފަހު، 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހޭނެއެވެ. މިއީ ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ޚިދުމަތް ޤައުމަށް ލިބޭނެކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މިއަދު އޮންލައިން