ދޮންބައްޕަގެ ކިބައިން ސަލާމަތްނުވެވިގެން ކުއްޖަކު ކޮޓަރީގަ އިނދެ ރޮމުން ސިއްރުން ކުރި ދުޢާގެ އަޑު މަގުމައްޗަށްއިވި މީހުން އެއްވެ އޭނާ ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ދޮންބައްޕަގެ ކިބައިން ސަލާމަތްނުވެވިގެން ކުއްޖަކު ކޮޓަރީގަ އިނދެ ރޮމުން ސިއްރުން ކުރި ދުޢާގެ އަޑު މަގުމައްޗަށްއިވި މީހުން އެއްވެ އޭނާ ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އެކުގައި ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ.

އަންހެން ދަރިއަކު ލިބި އެދަރިފުޅަށް 12 އަހަރުގައި ކައިވެނި ރޫޅާލަންޖެހުނީ އެކަމަށް އަނބިމީހާ ބޭނުންވެގެންނެވެ. ސަބަބު އޮތީ ސިއްރެއްގެ ގޮތުގައެވެ. ވަރިވެގެން އަނބިމީހާ ދިއައީ ދަރިފުޅުވެސް ގޮވައިގެންނެވެ. ފިރިމިހާ އެކަމަށް ރުހުނީ ބޮޑުވެފައިހުރި އަންހެންކުއްޖަކު ރަނގަޅަށް ބަލަހައްޓައި ތަރުބިއްޔަތުކުރެވޭނީ ކުއްޖާގެ މަންމައަށްކަމަށްވާތީއެވެ.

ޢިއްދަ ހަމަވިތަނާހެން އަނބިމީހާ ދެވަނަ ކައިވެނިކޮށްފިއެވެ. ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިރިމީހާ މަސައްކަތްފެށީ ދަރިފުޅާއި ހިންގުމަށެވެ.

އަނބިމީހާއަކީ ނަރުހަކަށްވާތީ ރޭގަނޑުގެ ޝިފްޓުގައި މަސައްކަތްކުރަންޖެހޭ ރޭތަކުގައި ފިރިމީހާ ދަރިފުޅަށް އުނދަގޫކުރަން ފެށިއެވެ. ނިދަން އޮއްވާ ކޮޓަރިއަށްވަދެ ގައިގައި އަތްލަން ފަށައިފިއެވެ. އެވާހަކަ މަންމަގެ ގާތުގައި ބުނުމުން ޤަބޫލެއް ނުކުރެއެވެ. ބުނަނީ ޝައްކުކުރެވެނީ ކަމަށެވެ.  

އެއްރޭ ކޮޓަރިއަށްވަދެ އެންމެ ނުބައި ޢަމަލު ހިންގަން އުޅުމުން ކުއްޖާ އެނދުން ފުންމާލައި ތަޅުންމަތީގައި އިނދެގެން ދުޢާކުރިއެވެ. "ޔާ ﷲ! މިއަޅާގެ މަންމައަށް އިވޭކަމަކަށް ނުވިއެވެ. މިއަޅާގެ އަޑު ކޮންމެވެސް ބައަކަށް އިއްވަވާނދޭވެ! މި ފުރޭތައިގެ ކިބައިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ!" އާމީން

ދުޢާކުރުންމަތީގައި އިންދާ ދޮރުގެ ބެލް ޖަހަން ފެށުމުން ޖެހިލުންވީވަރުން ދޮރުހުޅުވަން އޭނާ އަވަސްވެގަތެވެ. ދޮރުހުޅުވިއިރު ދޮރުމަތީގައި ތިބީ އަވަށްޓެރިންގެ ބައަކާއި ފުލުހުންގެ 3 މީހެކެވެ. އެއިރު އޭނާއަށް ހުރެވުނު ޙާލު އިޙްޞާޞްކުރެވުނީ ފުލުހުން އޭނާގެ އަޢުރަ ނިވާކުރަން ބުނުމުންނެވެ.  

އެވަޤުތު ކުއްޖާ ނުކުމެ އޭނާއަށް ކުރިމަތިކުރުވަމުން އަންނަ ޙާލަތުކިޔައިދިނުމުން އޭނާ ބުނީ އެކޮޓަރިއަށް އޭނާވަނީ ދަރިފުޅު ބިރުން އަޑުގަދަކުރަންފެށުމުން އެހީތެރިވާން ކަމަށެވެ. ފުލުހުން ބުނީ އެވާހަކަތައް ކިޔައިދޭނީ ފުލުހުންގެ މަރުކަޒުގައިކަމަށާއި މިހާރު އޮތީ އެމީހުންނާއެކު ދިއުން ކަމަށެވެ.  

ކަންތައްވީގޮތް އަނބިމީހާއަށް އެނގުނީ ޑިޔުޓީ ނިންމާފައި ގެއަށް އައުމުންނެވެ. އޭނާ ގެއަށް ވަންތަން ބަލަންތިބެފައި އަވަށްޓެރިން އައިސް ކަންތައްވީގޮތް ކިޔައިދިނެވެ. ބުނީ ދަރިފުޅު ބާރަށް ރޯއަޑާއި އޭނާ ސަލާމަތްކޮށްދިނުން އެދި ދުޢާކުރާއަޑު މައްޗަށް އިވުނީކަމަށެވެ. މަގުމަތިން ދިއަ ފުލުހުންގެ ކާރެއް މަޑުކުރުވީމާ އެމީހުންނަށްވެސް އެއަޑުއިވުނީ ކަމަށެވެ.  

އެވާހަކައިގައި ތިއްބާ ކުއްޖާގެ ބައްޕަ އައީ ފުލުހުންނާއިއެކުގައެވެ. ފުލުހުން އެންގީ ކުއްޖާ ބައްޕައާއި ޙަވާލުކުރުމަށެވެ. ފިރިމީހާ ވަނީ ކުށަށް އިޢްތިރާފްވެފައިކަމަށާއި ފިރިމީހާގެ މައްޗަށް ބޮޑު ޙުކުމެއް އަންނާނެ ކަމަށެވެ. މައިމީހާގެ އިހްމާލް މިހައި ބޮޑުވީމާ ދަރިފުޅު މައިމީހާގެ ގާތުގައި ނުބެހެއްޓޭނެ ކަމަށެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއަކުން ފެނުނު ކަންކަމެވެ. ކޮންމެ ކުއްޖެއްގެ މައިންބަފައިންވެސް ވިސްނައިލުން މުހިންމެވެ. ދަރިން ބުނާ މިބާވަތުގެ ވާހަކަތައް އަޑުނުއަހައި މިއަދު ދެކޮޅު ޖެއްސޭކަށް ނެތެވެ. ދެން ބުނެލަން ބޭނުންވަނީ އެކުއްޖާކުރި ދުޢާގެ ވާހަކައެވެ. ދެން ގޮތެއް ނެތުމުން ކޮޓަރީގައި އިނދެ ރޮމުން ސިއްރުންކުރި ދުޢާގެ އަޑު މަގުމައްޗަށް އިވުނު ސަބަބަށް ވިސްނައިލިޔަސް ޢިބްރަތަކަށް ފުދޭނެއެވެ. ދުޢާއިން ޙާޞިލުނުކުރެވޭނެ ކަމެއް ނުއޮންނާނެ ކަމަށް ބުނެވެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.  

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން