ޞާލިޙް އަންތބެއްގެ ގޮތުގައި އިންދާ ފިރިމީހާ ބާކީކޮށްލިޔަސް މާތް ﷲ އެމީހަކު ބާކީ ނުކުރައްވަވާނެކަމާ މާރަނގަޅު މަގުތައް ދައްކަވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 25ސ
ޞާލިޙް އަންތބެއްގެ ގޮތުގައި އިންދާ ފިރިމީހާ ބާކީކޮށްލިޔަސް މާތް ﷲ އެމީހަކު ބާކީ ނުކުރައްވަވާނެކަމާ މާރަނގަޅު މަގުތައް
ދައްކަވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަނބިންނަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ ބަލިވެ އިންދައި ނިކަމެތިކޮށލުމުންނެވެ. ޚާއްޞަކޮށް އޭނާގެ ޢާއިލާގައި އޭނާއަށް އެހީތެރިވުމުގެ ކުޅަދާނަކަން ނެތިފައި އަމިއްލަ މަސައްކަތުން އާމްދަނީ ނުހޯދޭނަމައެވެ.  

ހޮސްޕިޓަލުތަކަށް ބަލައިފިނަމަ އަނބިމީހާ ބަލިވެއިނީންސުރެ އަނބިމީހާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް އުޅޭ ފިރިން ފެންނާނެއެވެ. އެމީހުންނަކީ އަނބިންނަށް ދޭންޖެހޭ ލޯބި ދީގެން އަނބިން ގެންގުޅޭ މީހުންނެވެ. ހަމަ އެއާއިއެކު ބަލިވެއިނުމުން ބާކީކޮށްލާ ފިރިންވެސް ތިބެއެވެ. އެމީހުން އެބާކީކޮށްލަނީ ހަމައެކަނި އަނބިމީހާއެއްވެސް ނޫނެވެ. ތިމާގެ އަމިއްލަ ދަރިފުޅުވެސްމެއެވެ.  

ބަލިވެއިނުމުން އަނބިމީހާ އާއި ދަރިފުޅު ބާކީކޮށްލުމަކީ ތިމާ ހެއްދެވި ފަރާތަށް ބިރުވެތިވާ މީހަކު ކުރާނެ ކަމެއް ނޫނެވެ. ތިރީގައިވާ ޙާދިސާއިން އެނގިގެންދަނީ ފިރިމީހާއަށް ކިޔަމަންތެރިވެ ޞާލިޙް އަންތބެއްގެ ގޮތުގައި އިންދައި ފިރިމީހާ ބާކީކޮށްލި ނަމަވެސް ﷲ ތަޢާލާ އެމީހަކު ބާކީ ނުކުރައްވަވާނެކަމެވެ. މާރަނގަޅު މަގުތައް ދައްކަވާނެ ކަމެވެ. އިން ޝާ ﷲ 

ވާހަކަ ވިދާޅުވެލައްވާށެވެ!  

އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ހައަކަ މަސް ދުވަސް ހޭދަވެގެން ދިއައީ ވަރަށް އުފަލުގައެވެ. އެއިރު އަހަރެން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އަހަރެންގެ ބަނޑު ބޮޑުވަމުން އައިވަރަކަށް އެކަނި ގޭގައި އުޅެންޖެހޭ ވަގުތު އައީ ގިނަވަމުންނެވެ. އެހެންގޮސް ވިހަން ގާތްވިއިރު މުޅިންހެން ގޭގައި އުޅެންޖެހެނީ އެކަންޏެވެ.  

ވިހަން ބަނޑުގައި ރިއްސަން ފެށުމުން ފިރިމީހާއަށް ގުޅައިގުޅައިވެސް ފޯނެއް ނުނުގިއެވެ. ކެތް ނުކުރެވޭވަރުވުމުން ހޮސްޕިޓަލަށްދާން ގެއިން ނުކުމެވުނުކަން އެނގެއެވެ. ދެންވީގޮތެއް ނުއެނގެއެވެ. ހޭއެރީ ސިޒޭރިއަން ހަދައި ދަރިފުޅު ނަގައިގެން ގެނެސް ވޯޑުގައި ބާއްވާފައި އޮއްވައެވެ.  

ފުރަތަމަވެސް ބަލައިލެވުނީ ފިރިމީހާ ކޮބައިތޯއެވެ! ފެންނަން ނެތުމުން ނަރުސްކުދިން ގާތު ފިރިމީހާ އައިތޯ މިހާރު ކޮބައިތޯ ސުވާލުކުރުމުން ވެއްދީ ނުވެސް ދަންނަ ފިރިހެނެކެވެ. ބުނާނެ އެއްޗެއް ނުއެނގި މަޑުން އޮއްވާ އޭނާ ކިޔައިދިނެވެ.  

އަހަރެން ގެއިން ނުކުތްތަނާ މަގުމައްޗަށް ތިބާ ވެއްޓުނީއެވެ. މަގުމަތީގައި ތިބި މީހުންގެ އެހީތެރިކަމުގައި ކާރަށް އަރުވައިގެން ގެނެސް ހޮސްޕިޓަލަށް ވެއްދީއެވެ. ޑޮކްޓަރުން އަވަސް އަވަހަށް ތިއޭޓަރަށް ގެންގޮސް ސިޒޭރިއަން ހެދީއެވެ. ޢާއިލާގެ މީހަކު ނުފެންނާތީ ދާން ނުކުރެފިފައި މިތާ އިނީއެވެ.  

އަހަރެންގެ ފޯނު އޮތީ އޭނާގެ އަތުގައެވެ. އެއްވެސް މީހަކު ގުޅިތޯ ސުވާލުކުރުމުން ބުނީ ނުގުޅާ ކަމަށެވެ. ވީމާ އެނގުނީ މިހައިގިނައިރުވީއިރުވެސް ފިރިމީހާ އަހަރެން ކޮބައިތޯ ބަލައިވެސް  ނުލާކަމެވެ. އެއިރު ފަތިހު 5 ޖަހަނީއެވެ. ފަތިސްނަމާދަށް ބަންގިގޮވަނީއެވެ. ބަންގި ގޮވަން ފެށުމުން އޭނާ ނަމާދަށް ހިނގައްޖެއެވެ. ނަމާދުން އަވަދިވެގެން އަންނާނެ ކަމަށް ބުނެފައެވެ.

އޭނާ އެނބުރި އައިސް އަހަރެން އަތަށް 1000 ރުފިޔާ ދިނެވެ. އަދި ނިދާލާފާއި އޮފީސް ނިމިގެން އަންނާނެ ކަމަށް ބުނެފައި ދިއައީ ގެއަށެވެ. އޭނާ ދިއަތަނާ ފިރިމީހާ އަތުވެއްޖެއެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ދަރިފުޅު ކޮބައިތޯ ސުވާލުވެސް ނުކުރެއެވެ. އަނގައިންވެސް ނުބުނެ އިރުކޮޅަކު ގޮނޑީގައި އިނދެލާފައި ތެދުވެގެން ހިނގައްޖެއެވެ. ހީކުރީ ސިގިރޭޓެއް ބޯލަން ދިއައީ ކަމަށެވެ. ނަމަވެސް އެދިއަ މީހާ އެނބުރިއެއް ނައުދެއެވެ. 

ފިރިމީހާ އައީ ހަވީރުއެވެ. އެއިރު އަހަރެން ހޮސްޕިޓަލަށް ގެންދިއަ މީހާވެސް ހުއްޓެވެ. އެހެންވެ ފިރިމީހާއަށް އޭނާގެ ހެޔޮކަން ކިޔައިދިނީމެވެ. ފިރިމީހާގެ ޖަވާބަކަށްވީ އަނގައިންވެސް ނުބުނެ މަޑުން ހުރުމެވެ.  

ހޮސްޕިޓަލުގައި 5 ދުވަސްވެ ދޫކޮށްލައިފިއެވެ. ދޫކޮށްލުމުން ފިރިމީހާއަށް ގުޅައިގުޅައިވެސް ފޯނު ނުނެގުމުން ހޮސްޕިޓަލަށް ގެންގޮސްދިން މީހާއަށް ގުޅީމެވެ. ގުޅިތަނުން އެމިހާ އަތުވެއްޖެއެވެ. ބިލްވެސް ދައްކައިދީފައި ކާރަށް ދެމައިން އަރުވައިގެން ގެއަށް ގެންގޮސްދީފިއެވެ. ގޭގެ ދޮރުހުޅުވުމުން ފިރިމީހާ ބުނީ ގެނައިތަނަކަށް ގެންގޮސްލުމަށެވެ. ނުވަތަ ގެނައި މީހާގެ ގެއަށް ގެންދިއުމަށެވެ. ދެމައިން ގެއަށް ނުވައްދާނެ ކަމަށެވެ. އެއިރު އޭނާ ކައިރީގައި ސޯފާގައި އަންހެނަކު އިނެވެ. ހީވަނީ ޕާޓޭ އަންހެނެއްހެންނެވެ.  

ގެއަށް ގޮސްދިން މީހާ ވަރަށް ހައިރާންވެ އަހަރެންގެ މޫނަށް ބަލަން ފެށުމުން ބުނީމެވެ. "އަހަރެން މަންމަ ގެއަށް ގެންގޮސްދިނިއްޔާ ވަރަށް ރަނގަޅެވެ. އެހެން ބުނުމުން އޭނާ އަހަރެމެން ދެމައިން މަންމަގެ ގެގާތަށް ގެންގޮސްދިނެވެ. ކާރުން ފޭބުމުން އެފަހަރުވެސް އަތަށް 1000 ރުފިޔާ ލައިދިނެވެ. ދެރަ ނުވުމަށާއި ޙާލުބަލާނެ ކަމަށް ބުނެފައި އޭނާ ދިއައީއެވެ.  

މަންމަ ސުވާލުތައް ކުރަން ފެށުމުން ކަންކަން ހިނގައިދިއަގޮތް ކިޔައިދިނީމެވެ. މަންމަ ވަރަށް ދެރަވިއެވެ. އެންމެ ބޮޑަށް ދެރަވީ މަންމައަށް ހިނގައި ނުއުޅެވޭތީ އަޅުގަނޑަށް އެހީތެރި ނުވެވޭނެތީއެވެ. މަންމައަކީ ފަޤީރަކަށްވުމުން އެއްވެސް ކަމެއްވެސް ކޮށް ނުދެވޭނެތީއެވެ.  

ﷲ ކޮންމެ މީހަކަށްވެސް ކޮންމެވެސް މަގެއް ދައްކަވާނެކަމަށް ބުނާ އުޞޫލުން އަޅުގަނޑަށްވެސް މަގެއް ދެއްކެވިއެވެ. އެމީހާ ދެތިން ދުވަހުން އެއް ދުވަހު އައިސް ޙާލުބަލާލައެވެ. އަންނަ ދުވަހަކު ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއްވެސް ފޯރުކޮށްދެއެވެ.  

އެމީހާގެ ޙަޤީޤަތް އެނގުނީ އޭނާގެ އަނބިމީހާ ގޮވައިގެން އައި ދުވަހަކުއެވެ. އެދެމީހުންގެ 2 ދަރިންވެސް ތިބެއެވެ. އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. އަހަރެން އޭނާގެ އަނބިމީހާއަށް ވަރަށް ހެޔޮކޮށް ހިތީމެވެ. އަދި އަހަރެމެންނަކީ އުޚުތުން ކަމަށްވެސް ބުނީމެވެ. އެއިގެ ފަހުން ކޮންމެފަހަރަކުވެސް އަންނަނީ ދެމަފިރިން އެކުގައެވެ.  

ވިހައި ގަދަވިތަނާ އަޅުގަނޑު ވަރިކޮށްލައިފިއެވެ. އެކަމަކާ  ދެރައެއްވެސް ނުވެއެވެ. އެގޮތަށް ކަންތައްކުރީ ވަރިކުރާނެތީކަން ކުރިންވެސް ވިސްނިފައި އޮތުމުންނެވެ. 

އެއިގެ ހައަކަ މަސްފަހުން ދެމަފިރިން އެކުގައި އައިސް އެދުނީ އެމީހުން ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށްދާތީ އެމީހުންގެ ގެ ބަލަހައްޓައިދޭން ގޭގައި މަޑުކޮށްލަ ދިނުމަށެވެ. ވަގުތުން އެކަމަށް އެއްބަސްވުމުން ދެމަފިރިން ދިއައީ އަހަރެމެން ދެމައިން ގޮވައިގެންނެވެ.  

އެމީހުން އެނބުރި އައުމަށްފަހުވެސް ބޭނުންވީ އެގޭގައި އަހަރެމެން ބައިތިއްބާށެވެ. އެކަމަށްވެސް ރުހުނީމެވެ. އެއީ އޭނާގެ އަނބިމީހާގެ ހެޔޮކަން ބޮޑުކަމުންނެވެ. އެގޭގައި އެމީހުންގެ ގާތުގައި އިންނަތާ އަހަރެއްހައި ދުވަސްވީތަނާ އަންހެން މީހާގެ ބޭބެއަކު އަޅުގަނޑުގެ ކައިވެންޏަށް އެދިއްޖެއެވެ. އެއީ އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިވެފައި ހުރި މީހެކެވެ.  

އަޅުގަނޑު ރުހުމުން ކައިވެނިކޮށްގެން އޭނާގެ ގެއަށް އަޅުގަނޑު ގެންގޮސްފިއެވެ. އެއީވެސް ހަމަ ވަރަށް ހެޔޮލަފާ މީހެކެވެ. މާތް އަޚްލާޤެއް ލިބިފައިވާ މީހެކެވެ. ދެވަނަ ަކައިވެނީގައި މިހާރު 7 އަހަރުވީއެވެ. 2 ކުދިންވެސް ލިބިއްޖެއެވެ.  

ނިންމާލަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ބަލިވެއިނުމުން (ފުރަތަމަ ފިރިމިހާގެ ދަރިފުޅަށް) އޭނާ ކަންކަން ކުރަމުން އައި ގޮތުން ލިބުނު މާޔޫސްކަމުގައި އަޅުގަނޑަށް ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކުރީމެވެ. އަދި ހިތްހަމަޖެހިލައިގެން ފިރިމީހާއަށް ޚިދުމަތްކުރަން އިނދެވޭނެ ދިރިއުޅުމެއް ދެއްވެވުން އެދިވެސް ވަރަށް ގިނައިން ދުޢާކުރީމެވެ. އަޅުގަނޑަށް ބުނެވެން އޮތީ އަޅުގަނޑުގެ ދުޢާ ޢިޖާބަކުރެއްވެވީ ކަމަށެވެ. ހިތްދަތި ދުވަސްތަކަކަށްފަހު އުފާވެރިކަން ދެއްވެވީ ކަމަށެވެ.  

ދެން ބުނެލަން އޮތީ ފިރިމީހާގެ ލޯބި ނުލިބޭނަމަ ހިލޭ ފިރިހެނުންގެ ކިބައިން އުފާހޯދަން ނުއުޅެ ﷲ އަށް ދުޢާކުރާށެވެ. އުފާވެރިކަން ލިބޭނީ ﷲ ދެއްވެވުމުންނެވެ. ﷲ އަށް ވަކީލްކޮށް ދުޢާކުރުންމަތީގައި ސާބިތުވެއްޖެ އަޅަކު ނިކަމެތި ނުކުރައްވަވާނެތެވެ! އިން ޝާ ﷲ

- މާރިޔަތު / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ  

މިއަދު އޮންލައިން