ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއާ ކައިވެނިނުކުރެވުނީމާވެސް އޭނާ މަރުވުމުން ޙައްޖެއްވެދީ، ދަރިފުޅަށް ކިޔަވައިދީ އަމިއްލަ ދަރިފުޅާ ކައިވެނިކުރުވި ޙަޤީޤީ ލޯބިވެރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއާ ކައިވެނިނުކުރެވުނީމާވެސް އޭނާ މަރުވުމުން ޙައްޖެއްވެދީ، ދަރިފުޅަށް ކިޔަވައިދީ އަމިއްލަ ދަރިފުޅާ ކައިވެނިކުރުވި ޙަޤީޤީ ލޯބިވެރިއެއްގެ ވާހަކަ-

ޙަޤީޤީ ލޯބި މިހާރު ދުނިޔޭގައި ނެތްކަމަށާއި ދުނިޔެއިން ފިލައިގެން ހިނގައްޖެކަމަށް ޤަބޫލުކުރާ މީހުން ވަރަށް ގިނައެވެ. އެއީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ނަމަވެސް ޙަޤީޤީ ލޯބި އަދިވެސް ދިރިދެމިގެންވާކަން މިޙާދިސާއިން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ މަންމަ ވަނީ އަޅުގަނޑު ވަރަށް ކުޑައިރު ނިޔާވެފައެވެ. މަންމަ ނިޔާވިތަނާ ބައްޕަ ދޮންމަންމައަކު ގެއަށް ގެނެސްފިއެވެ. އެދެމީހުން އުޅެނީ ވަރަށް އުފަލުގައެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް އަޅުގަނޑަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެއެވެ. ކާއެތިކޮޅު ދެއެވެ. އަންނައުނު ބައުވެ ވީދުމުން ހޯދައިދެއެވެ.  

ވިސްނާށެވެ! އުމުރުން 8 އަހަރުގައި ސްކޫލަށް ގޮސް އައިސް ހަދަންޖެހެނީ އެކަންޏެވެ. ބެލެނިވެރިންގެ ބައްދަލުވުމަކަށްވެސް މީހަކު ނުދާނެއެވެ. އެހެންވެ ވަރަށް ދެރަވެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން މަޑުން ހުރީއެވެ. އުމުރުން 10 އަހަރުވީއިރު ޤަބޫލުކުރެވެނީ މަންމަ ފަދައިން ބައްޕަވެސް ނިޔާވެފައިވާ ކަމަށެވެ.  

އުމުރުން 12 އަހަރުގައި އެއް ދުވަހަކު ސްކޫލުން ގެއަށް ދަމުން ފިހާރަކައަށް ވަނީމެވެ. ވަރަށް ރީތި ޓީޝާޓް ތަކެއް ހުއްޓާ ފެނުމުން ބަލާލަން ބޭނުންވީއެވެ. އަގު އަހައިލުމުން ބުނީ 100 ރުފިޔާ ކަމަށެވެ. އިންޓޯލް ގަންނަންދޭ ރުފިޔާއިން ބާކީކުރެވިފައި އޮތީ އެންމެ 19 ރުފިޔާއެވެ. ވީމާ ނުގަނެވޭނެތީ ކަރުއެލުވާލައިގެން ނުކުތީއެވެ.  

ނުކުންނަން ދަނިކޮށް ސޭޓު އަޅުގަނޑަށް ގޮވާލައި ގާތަށް ގެންދިއައެވެ. އަދި އަޅުގަނޑު އަތްލައި ބެލި ޓީޝާޓް އޭނާގެ އަތުން ނަގާފައި ކޮތަޅަކަށްލައިދީފައި ބުންޏެވެ. "މިހެން ހިނގާއިރު ދޭތެރެއަކުން ވަދެ ބައްދަލުކޮށްލާށެވެ! ދެން މިރައްޓެހިވީއެވެ."  

އެއީ ވަރަށް ހިތްހެޔޮ މީހެކެވެ. ބައެއް ދުވަސް ދުވަހު ފެނުނީމާ ގޮވައިގެންފައިވެސް ކޮންމެވެސް އެއްޗެއް ދޭނެއެވެ. ދެމީހުންގެ މެދުގައި ވަރަށް ބޮޑަށް ގާތްކަން އުފެދުނުފަހުން އެއް ދުވަހަކު އަޅުގަނޑުގެ ޙާލަތާއިބެހޭ ގޮތުން ސުވާލުކުރީމާ ދޮގުނުހަދައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.  

އަޅުގަނޑު އޯލެވެލް ނިންމިތަނުން އަޅުގަނޑަށް ފިހާރައިން ވަޒީފާއެއް ދީފިއެވެ. ވަޒީފާ ދީފައި ބުނީ ކިޔަވަން މަސައްކަތްކުރާށެވެ. ކުރަންޖެހޭ ޚަރަދެއް އޭނާ ކޮށްދޭނެ ކަމަށެވެ. އަޅުގަނޑު ކިޔަވަން ފެށީމެވެ. ފައުންޑޭޝަން ހަދައި ވިޔަފާރީގެ ދާއިރާއިން ކިޔަވައި މާސްޓަރސްވެސް ހެދީމެވެ. ހަމަ އެނާގެ ވަޒީފާގައި އުޅެމުންނެވެ.  

އުމުރުން 22 އަހަރުގައި އެނާގެ ގެއަށް ފިހާރައިގެ ކަމަކު ދިއަތަނާ އާދައިގެމަތިން ކޮފީބޯން މަޑުކުރަން ބުނެފިއެވެ. އެދުވަހު ކޮފީ ގެނެސްދިނީ އޭނާގެ ދަރިއެކެވެ. ކޮފީ ގެނައިމާ ދަރިފުޅުވެސް ކޮފީތަށްޓެއް ހިފައިގެން އައިސް ބައިވެރިވާން ބުންޏެވެ. އެގޮތަށް ތިބެ ވާހަކަދައްކަމުން ގޮސް އޭނާ ބުންނެވެ. "ދެކުދިން މިހަފްތާ ނިމެންދެން ރަނގަޅަށް ވިސްނާފައި ޖަވާބުދޭށެވެ. ތިއަ ދެކުދިން ކައިވެނިކުރަން ބައްޕައަށް ވަރަށް ފެނެއެވެ."  

އަޅުގަނޑު ވަގުތުން ބުނީމެވެ. "ވިސްނާނެ އެއްޗެއް ނެތެވެ. ތިއަ ބައްޕަ ބުނި ކޮންމެ ކަމެއް އުފަލުން ކުރާނަމެވެ." އޭނާގެ ދަރިފުޅުވެސް ވަރަށް ލަދުން އިނދެމެ ދިނީ އެފަދަ ޖަވާބެކެވެ. ޖެހިގެން އައި ހުކުރު ދުވަހަކީ ކައިވެނިކުރި ދުވަހެވެ. ކައިވެނިކޮށްގެން އެގެއަށް ބަދަލުވީއެވެ.

އެބައްޕަ އަޅުގަނޑާއިމެދު އެހައި ހެޔޮކޮށް ކަންކަން ކުރި ސަބަބު އެނގުނީ އަހަރެމެންގެ ކައިވެނީގައި 3 ދަރިންވެސް ލިބުނުފަހުންނެވެ. އެ ސަބަބަކީ އަޅުގަނޑަކީ ކާކުގެ ދަރިއެއްކަން އެނާއަށް އެނގޭތީއެވެ. އަޅުގަނޑުގެ މަންމަ އަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާކަމަށްވީތީ މަންމަ ނެތް ދުނިޔޭގައި މަންމައަށްޓަކައެވެ. އެއިރު އެބައްޕަ ވަނީ މަންމައަށް ޙައްޖެއްވެސް ހޯދައިދީފިއެވެ. އެބައްޕަ ބުނީ މަންމަ އާއި ކައިވެނި ނުކުރެވުނީ އެބައްޕަގެ މައިންބަފައިން ނުރުހުމުން ކަމަށެވެ. އަދި އެވާހަކަތައް އެބައްޕަ ދުނިޔޭގައި ހުއްޓައި ނުދެއްކުމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑު އެބައްޕަ ފަދައިން އަޅުގަނޑުމެންވެސް ވިސްނައި ލޯބީގެ އަގު ވަޒަންކުރާނަމަ އަޅުގަނޑު ފަދައިން ނިކަމެތި ހާލުގައި ޖެހޭ ހާދަހާ ގިނަ ކުދިންނަކަށް އުފާވެރިކަން ލިބޭނެތާއެވެ! ނަމަވެސް އެކަން ކުރެވެނީ އަމިއްލަ އެދުމެއް ނެތި ހެޔޮ ހިތުން އެކަކު އަނެކަކު ދެކެ ލޯބިވެވިގެން ނޫންތޯއެވެ؟  

ނިކަން ބުނެބަލާށެވެ! ޙަޤީޤީ ލޯބިވުމަކީ އެއީ ނޫންތޯއެވެ؟

 

- މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން