ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިނުވާނެ ރަނގަޅު ފިރިއަކު ބޭނުންވާ އަންހެނުންނަށް ޢިބްރަތަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިނުވާނެ ރަނގަޅު ފިރިއަކު ބޭނުންވާ އަންހެނުންނަށް ޢިބްރަތަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އެއީ ދެކައިވެނިކޮށްގެންވެސް ދިރިއުޅުމެއް ނުލިބުނު އަންހެނެކެވެ. ދެފިރިންވެސް ބޭވަފާތެރިވީއެވެ. އެހެންވެ އޭނާ ވިސްނަމުން ދިއައީ ބޭވަފާތެރިނުވާނެ ފިރިއަކު ހޯދާނެ ގޮތަކާއިމެދުގައެވެ.  

ޖެހިގެން ހުންނަ ފްލެޓުގައި ދެމަފިރިއަކު ވަރަށް ލޯބިން އުޅޭތަން އޭނާއަށް ފެނެއެވެ. އަބަދު ހެމުން ބޭރަށްދާތަނާ އެނބުރި އަންނަތަން ފެންނާތީ ވަރަށް އަސަރުކުރެއެވެ. އެހެންވެ އެއްދުވަހަކު އަނބިމިހާ ބޭރަށް ދިއަ ވަޤުތު ބަލަން ހުރެފައި ގޮސް ފިރިމީހާ އާއި ބައްދަލުކުރިއެވެ.  

ދެމީހުން ވާހަކަދައްކަން ތިބެގެން ދަޢުވަތުދިނީ އޭނާއާއިއެކު ގުޅުން އުފެއްދުމަށެވެ. ހަމައެކަނި ދަޢުވަތުދިނީއެއް ނޫނެވެ. ގައިގައިވެސް އަތްލިއެވެ. ޖަވާބުގައި އެމީހާ ބުންޏެވެ! "ބޭވަފާތެރިވީމާ ފިރިހެނުން އެބަކުށްވެރިކުރަމުއެވެ. ތިބާގެ ދެފިރިންވެސް ބޭވަފާތެރިވިކަން އެބަ ކުށްވެރިކުރަމުއެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! ތިއަގޮތަށް އަންހެންކުދިން އުޅޭނަމަ ކެތްތެރިވެވޭނީ މަދުފިރިހެނަކަށް ނޫންހެއްޔެވެ؟ ހަމަ ގައިމުވެސް އަހުރެން އަހުރެންގެ އަނބިމީހާއަކަށް ބޭވަފާތެރިއެއް ނުވާނަމެވެ. ރަނގަޅު ފިރިއަކު ލިބުމަށް އެދޭނަމަ ތިބާވެސް ރަނގަޅުވާށެވެ!" 

އޭނާ ބުންޏެވެ! "އަހުރެންގެ ދެކައިވެނިވެސް ރޫޅުނީ އަހުރެންގެ ކުށެއް އޮވެގެނެއް ނޫނެވެ. އެހެންވެ ރަނގަޅު ފިރިއަކު ހޯދަން ވިސްނަމުންގޮސް މިވިސްނުންވެސް އައީއެވެ. އަހުރެންނަށް މާފުކުރާށެވެ. މިލިބުނީ ވަރަށް އަގުހުރި ފިލާވަޅެކެވެ. ބަލައިގެންފީމެވެ. ޢަމަލުވެސްކުރާނަމެވެ."   

އަންހެންކުއްޖާ އެގެއިން ނުކުތީ ވަރަށްދެރަވުމުގެ އިތުރުން ވަރަށް ލަދުންވެސް ހުރެއެވެ. އޭނާ ދެއްކި ވާހަކަތަކުން ކުރިއަސަރުންނެވެ. އެދުވަހަށްފަހު އޭނާ މަސައްކަތްކުރީ އޭނާގެ އަނބިމީހާއާއި ގުޅުން އުފައްދާށެވެ. އެކަން ކާމިޔާބުވުމުން އަނބިމީހާ މެދުވެރިކޮށް ފިރިމީހާގެ ގާތުގައި ބުނެގެން ކައިވެނިކުރާނެ ހެޔޮލަފާ މީހަކު ހޯދީއެވެ.  

ފިރިމީހާގެ ރަނގަޅުކަން ތަޖުރިބާ ކުރެވުމުން އޭނާއަށް ބުނެވުނެވެ! "އަހުރެން ކުރިން ދެކައިވެނިވެސް ކުރީ ރަނގަޅު ނޫން އެކުވެރިން ދެއްކި މީހުންނާއިއެވެ. ރަނގަޅު އެކުވެރިއަކު ހޯދައިދިން ފިރިމީހާ ހާދަ ރަނގަޅެވެ."

މިވާހަކަ މިކިޔައިމިދިނީ އެ ހަރުދަނާ ފިރިމީހާގެ އަނބިމީހާއެވެ. އަހުރެމެންގެ ކައިވެންޏަށް މިހާރު 18 އަހަރެވެ. އަދި އެއަންހެންމީހާގެ 3 ވަނަ ކައިވެންޏަށް 14 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. އުންމީދުކުރަނީ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާ ކުރާނެ ކަމަށެވެ.

 

- ތަޒްމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން