ހެޑްއޮފީހުން ކުންފުނީގެ ބްރާންޗަކަށް އަހުރެން ފޮނުވީ ވަރަށް އާދައިގެ މުވައްޒިފެއްގެ ގޮތުގައެވެ. މަސައްކަތްކުރަންފެށިތަނާ އެއްދުވަހަކު ޑިރެކްޓަރު އަހުރެން ގެންގޮސްފައި ބުނީ ކުރިއެރުން އަވަހަށް ބޭނުންވާނަމަ އޭނާގެ ގެއަށް މިރޭ ކޮފީއަކަށް ދިއުމަށެވެ. އަހުރެންގެ ޖަވާބަކީ އަހުރެން މަސައްކަތްކުރަނީ އޮފީހުގައިކަމަށާއި ކުރިއެރުން ހޯދަން ގެއަށް ދާންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. އޭނާ ބުނީ ފަހުން އެނގޭނެ ކަމަށެވެ. އެވާހަކައަކަށް އަހުރެން ޖަވާބެއް ނުދެމެވެ.
އަހުރެންނާއި ހެޑްއޮފީހުން ޙަވާލުކުރި މަސައްކަތްދިއައީ ކުރަމުންނެވެ. އެއީ ބްރާންޗްގެ ޚަރަދުތައްކޮށްފައިހުރި ގޮތުގެ ތަފްޞީލް ހޯދުމެވެ. އެމަސައްކަތްކުރަންޖެހެނީ ވަރަށް ސިއްރުންނެވެ. ބްރާންޗްގެ މައި ލެޖަރއަށް އަހުރެންނަށް އެކްސެސްވެވޭ ކަމެއް އެމީހުންނަކަށް ނުއެނގެއެވެ.
އަހުރެން ފޮނުވީ 3 މަސްދުވަހަށްކަމަށްވުމުން އެމީހުން ހީކުރީ އަހުރެން ފޮނުވާފައިހުރީ ޕްރަބޭޝަން ޕީރިއަޑަކަށް ކަމަށެވެ. އެހެންވެ އަހުރެންނަށް ޕްރަމޯޝަނެއް ނުލިބޭނެ ހުރިހާ ކަމެއް އައީ ކުރަމުންނެވެ. ޑިރެކްޓަރު އަންގައިގެންކަން އަހުރެންނަށް އެނގެއެވެ. އޭނާގެ ގެއަށް ކޮފީއަށް ނުދިއުމުގެ އަދަބެއްގެ ގޮތުންކަންވެސް އެނގެއެވެ. އެ 3 މަސް އަހުރެން ހޭދަކުރީ ކޮންފަދަ ހިތްދަތިކަމެއްގައިކަން ބުނެދޭންވެސް ނުއެނގެއެވެ. ކޮންމެ ދުވަހަކީވެސް މަލާމާތާއި ފުރައްސާރަކުރުމުގެ ދުވަހެކެވެ.
3 މަސްވީތަނާ ކުންފުނީގެ އަހަރީ ޖަލްސާއަށް ތައްޔާރުވެއްޖެއެވެ. އެއީ ހުރިހާ މުވައްޒިފުންނަށްވެސް ބައިވެރިވާންޖެހޭ ޖަލްސާއަކަށްވާތީ އަހުރެން ދިއުމަކުން އެމީހުން ކަންބޮޑެއް ނުވެއެވެ. ނަމަވެސް މަތިން ކޯޓުލައި ރަސްމީވެގެންހުރުމުން މަލާމާތްކުރަން ހީނހެދިއެވެ.
ރަސްމިއްޔާތު ކުރިއަށް ދަމުންގޮސް އެންމެ ފަހުކަމެއްގެ ގޮތުން ޗެއާމަންއަށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބުމުން ޗެއާމަން އެދުނީ އޭނާ ވާހަކަދެއްކުމުގެ ކުރިން އަހުރެންގެ ރިޕޯޓް އިއްވުމަށެވެ. އެފުރުޞަތު ލިބުމުން ރިޕޯޓް އިއްވީމެވެ. ވެފައިހުރި އިހްމާލްތަކާއި ޚިޔާނާތްތައް ހާމަކުރީމެވެ. ބްރާންޗަށް ކުރިއެރުން ނުލިބެނީ މުވައްޒިފުން ޕްރަމޯޝަން ހޯދަން ޑިރެކްޓަރުގެ ގެއަށްދާންޖެހޭތީކަންވެސް ހާމަކުރީމެވެ.
ޗެއާމަން އިޢުލާނުކުރީ ބްރާންޗް ހިންގުމުގެ ކަންކަން އަހުރެންނާއި ޙަވާލުކުރީ ކަމަށާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު މައިއޮފީހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރަސްމީބައި ނިމި ސައިގަޑީގައި އަހުރެންނާއި ބައްދަލުކުރަން ގިނަ މުވައްޒިފުންތަކެއް މަސައްކަތްކުރިއެވެ. ނަމަވެސް ފުރުޞަތުނުދީ ޗެއާމަންއާއިއެކު ހުރެފައި ޗެއާމަންއާއިއެކު ނުކުމެގެން އައީއެވެ.
އަނެއްދުވަހު އޮފީހަށް ދިއުމުން ހީވަނީ މުޅިން އައު މުވައްޒިފުންތަކެއްހެންނެވެ. އަނގައިގެ ހުރިހާ ދަތްތައް ދައްކައިގެން ހިނިތުންވެއެވެ. އަހުރެންވެސް އެމީހުންނަށް ހިނިތުންވީމެވެ. ސަލާމަށް ޖަވާބުވެސްދިނީމެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއީއެއްގައި ޙަޤީޤަތް ކަމަށްބުނެ އަންހެންކުއްޖަކު ކިޔައިދީފައިވާ އޭނާގެ ވާހަކައެކެވެ. މިއީ ކުޑަކުޑަ ކަމެއްކަމަށް ގިނަ ބައަކަށް ހީވެދާނެއެވެ. ނަމަވެސް މިއީ މިއަދު މަސައްކަތުގެ މާޙައުލު ގިނަ ތަންތަނުގައި އޮތް ގޮތެވެ. ވަޒީފާއަދާކުރާ އަންހެން މުވައްޒިފުންނަށް ކުރިމަތިލާންޖެހޭ ކަންކަމެވެ. ވީމާ އެންމެންވެސް ވިސްނުމަށް އެދެމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް