އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު ސުވާލެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
ޚިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުންނާ ކުރަން ހުށަހަޅާފައިވާ ސުވާލަކީ ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މިއެވެ.
މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ ވިދާޅުވީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ޚިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ބައްޓަން ކުރާނެ ގޮތާއި އޭގެ ތަފްސީލީ އިޖުރާއަތްތައް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ ތަފްސީލުތައް ބަޔާންކޮށްފައިވަނީ މި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ޤާނޫނުގައެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ޤާނޫނުގެ ހަތްވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ޚިޔާލު ހޯދުމުގެ ވޯޓެއްގައި އެއް މައްސަލައަކަށްވުރެ ގިނަ މައްސަލައަށް ވޯޓަށް އެހިދާނެކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލުގައި އެއް މައްސަލައަށްވުރެ ގިނަ ކަންކަން ހިމެނުނު ނަމަވެސް، އެއީ ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ޙުކުމާއެކު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ މަސައްކަތް ހުއްޓުވަން ޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުން ވަނީ ސާފުވެފައެވެ. މިއީ ކުރިއަށް އޮތް އިންތިޚާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ނިންމުމެއްގެ ގޮތުގައި ބެލެވެއެވެ.