ބީއެމްއެލް އިން މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 1.84 މިލިޔަން ޑޮލަރު ވިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބީއެމްއެލް އިން މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 1.84 މިލިޔަން ޑޮލަރު ވިއްކައިފި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.84 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި މިދިޔަ އަހަރު ބޭންކުން ވިއްކި ޑޮލަރުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި އެބޭންކުން ވަނީ ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކާފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 އިންސައްތަ އިތުރު އަދަދެއްކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް މެދުވެރިކޮށް ޖުމްލަ 175 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެގޮތުން 104 މިލިޔަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ބޭންކުން ބުނެއެވެ.

އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް، ޚާއްޞަކޮށް ޑެބިޓްކާޑާއި ކްރެޑިޓްކާޑުތަކުން ކުރާ މުއާމަލާތްތަކަށް ޖުމްލަ 390 މިލިޔަން ޑޮލަރު މިދިޔަ އަހަރު ވަނީ ހަމަޖައްސާދީފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ބޭންކުން ވަނީ 98.5 މިލިޔަން ޑޮލަރު ވިއްކާފައެވެ.

ދީނީ އަޅުކަންތަކަށް ބޭރަށްދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ޢުމްރާ ވެރިންނަށް އެކަނިވެސް 9 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކަށާއި އާންމުންގެ ބޭނުންތަކަށް ބޭންކުން ފޯރުކޮށްދޭ މުހިންމު އެހީތެރިކަމެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.

މިއަދު އޮންލައިން