ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ދާއިރާއިން 250 ސްކޮލަރޝިޕަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ދާއިރާއިން 250 ސްކޮލަރޝިޕަށް ހުޅުވާލައިފި

ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭ 250 ސްކޮލަރޝިޕް ފުރުޞަތަކަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރިތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތުތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ފުރުޞަތުތަކެކެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުޞަތާއި، މާސްޓަރސް ޑިގްރީއަށް ދޭ 20 ފުރުޞަތެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 80 ފުރުޞަތު ވަނީ ކަނޑައަޅާފައެވެ. މި ސްކޮލަރޝިޕްތަކުގެ ތެރެއިން އެންމެ ގިނަ ފުރުޞަތު ހުޅުވާލާފައިވަނީ ސްޕީޗް ތެރަޕީގެ ދާއިރާއިންނެވެ. އެ ދާއިރާއިން ޖުމްލަ 90 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި ތިބެގެން ބެޗެލަރސް ޑިގްރީ ހާސިލްކުރުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، ކައުންސިލިން ނުވަތަ ބިހޭވިއަރ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނެއެވެ. މިއިން ކޮންމެ ދާއިރާއަކުން 30 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ރާއްޖޭގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ސައިކޮލޮޖީ ދާއިރާއިން 20 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ.

ރާއްޖެއިން ބޭރުން ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ސްޕީޗް ތެރަޕީ ދާއިރާއިން 30 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް އޮކިއުޕޭޝަނަލް ތެރަޕީން 30 ފުރުޞަތު، ސްޕީޗް ތެރަޕީން 30 ފުރުޞަތު، އަދި ބިހޭވިއަރ އެނަލިސިސް ނުވަތަ ބިހޭވިއަރ ތެރަޕީ ދާއިރާއިން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ސްކޮލަރޝިޕް ފުރުޞަތުތަކުގެ ޝަރުތުތަކާއި އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ފުރުޞަތުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން