އިސްރަށްވެހިންގެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް ޚާއްޞަ ފޯރަމެއްފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިސްރަށްވެހިންގެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް ޚާއްޞަ ފޯރަމެއްފަށައިފި

އިސްރަށްވެހިންނަށް ޚާއްޞަ ކޮށްގެން ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ ފޯރަމެއް މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގައި ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މި ބައްދަލުވުންތަކުގައި ތަފާތު ޖަމްޢިއްޔާތަކާއި، ޔޫއެން އެޖެންސީތަކާއި، ޞިއްޙީ ވުޒާރާގެ އިތުރުން އިޖުތިމާޢީ ވުޒާރާ އަދި ކަމާ ގުޅުންހުރި ހުރިހާ ސްޓޭކް ހޯލްޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ވަނީ "ކުރިއަށް އޮތް 10 އަހަރުގެ ޑިމެންޝިއާ އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ އިސްރަށްވެހިންގެ ތެރޭގައި ހިމެނޭ ޑިމެންޝިއާ ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ މުހިންމު ޕްލޭނެކެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ފޯރަމްގެ މައިގަނޑު ބޭނުމަކީ އިސްރަށްވެހިންނަށް ދިމާވާ ޞިއްޙީ އަދި އިޖުތިމާޢީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ޙައްލުތަކެއް ހޯދުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމެވެ. މި މަޝްވަރާތަކުގެ އަލީގައި އިސްރަށްވެހިންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން