ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އާސަންދަ އަދި އެންސްޕާގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަަކަފުޅު ދައްކަވަމުންނެވެ.
އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިއަދަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް އުފާވެރި އަދި އެހާމެ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސިޔާސަތުތައް ބައްޓަންކުރަމުންދަނީ، މާލެއަށް ބަރޯސާވުން ކުޑަކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހުޅުވުނު މި އޮފީހާއެކު، އައްޑޫގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އިދާރީ ގިނަ ކަންތައްތަކެއް އަމިއްލަ ފަސްގަނޑުގައި ތިބެގެން ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި އޮފީހާއެކު އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އޮފީހުގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "މި އޮފީހުގެ ޚިދުމަތަކީ ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން، ދެކުނުގެ އަތޮޅުތަކަށް ފުޅާވެގެންދާނެ ޚިދުމަތެއް. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، ޢަމަލީ ގޮތުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށްޓަކައި ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ އިންތިޒާރު ކުޑަވެގެންދާނެ،" ކަމަށެވެ. މިއީ ވަގުތާއި ޚަރަދު ސަލާމަތްކުރެވި، މި ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތަކުލީފުތަކަށް ލިބޭނެ ބޮޑު ތަސައްލީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭނެ ސަރުކާރެއްކަން ކަށަވަރުކޮށްދެއްވަމުންނެވެ. މި އޮފީސް ހުޅުވުމަކީ ދެކުނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަބަރު: ސަރުކާރު