ދައުލަތަށް ލިބުނު އާމްދަނީ 10.2 އިންސައްތަ އިތުރުވެ 10.6 ބިލިއަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދައުލަތަށް ލިބުނު އާމްދަނީ 10.2 އިންސައްތަ އިތުރުވެ 10.6 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން 26 މާރިޗުއާ ހަމައަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުދަލާއި ޚިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ.

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 81 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ނޮން-ރެސިޑެންޓް ވިތު ހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 59.0 އިންސައްތަ އިތުރުވެފައިވާއިރު، ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 14.7 އިންސައްތަ އިތުރުވެފައެވެ. ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީ އިޤްތިޞާދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، 26 މާރިޗުއާ ހަމައަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާއެވެ. އެހީ އާއި ސަބްސިޑީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސަބްސިޑީއަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރަށްވުރެ 8.8 އިންސައްތަ އިތުރުވެފައެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ 137.5 އިންސައްތަ އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް އަރާފައެވެ. ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް މިހާރު ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.

މާލީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖުމްލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށްވެސް މާލީ ވުޒާރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން