"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 364 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 364 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ހުޅުމާލެ ފޭސް 1 ގެ ސައިޓުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަމީން ކޮންސްޓްރަކްޝަންގެ އިސްވެރިންގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ. މިރޭ ފެށި މަސައްކަތާއެކު، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3,260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާ ނިންމާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި، އެކަމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަން އިޢުލާންކޮށްފައެވެ. މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ތަރައްޤީކުރާ ޖުމުލަ ޔުނިޓްގެ އަދަދު 3,800 އަށް އަރާނެއެވެ.

ސަރުކާރުގެ އަމާޒަކީ މި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ހުރިހާ ޢަމަލީ މަސައްކަތްތަކެއް ނިންމައި، 2028 ވަނަ އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން