ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ހަތް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ލީޒް ޓު އޯން މޮޑެލްގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ފްލެޓްތައް އެޅުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ހަތް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކޮށްފައިވާ އިންކްލޫސިވް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ 5 އިންސައްތަ، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރަންޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހަސިލްކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް،" ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށާއި، މިފަދަ މަޝްރޫއުތަކުގެ ސަބަބުން އެ އަމާޒަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ޑރ. މުއްތަލިބް ފާހަގަކުރެއްވިއެވެ.