އެއީ ދެކުދިން ގޮވައިގެން ދިރިއުޅޭ އެކަނިވެރި މައެކެވެ. ލިބޭ މިންވަރުން ހަމަޖައްސައިލެވެނީ 2 ދަރިންގެ ކަންތަކެވެ. އެހެންކަމާއިއެކުވެސް އަވަސްޓެރިޔާގެ އަނބިމީހާ ނިޔާވުމުން އެގެއަށްގޮސް އެގޭގައި މަސައްކަތްކޮށްދޭންފެށީ ހިލޭ ސާބަހަށެވެ. އެކަމަށް އަގެއްދޭން އުޅުމުންވެސް އޭނާ ބޭނުމެއް ނުކުރެއެވެ.
ފްލެޓެއް ލިބޭނެ ކަމުގެ އުންމީދުގައި ހުއްޓައި ކުރިމަތިވީ އެންމެ ހިތާމަވެރި ދުވަހެވެ. ދިރިއުޅޭ ތަނުގެ ކުލި ނުދެއްކި 3 މަސްވުމުން ނުކުންނަން އެންގީއެވެ. އެކަން ހިނގީ އަވަށްޓެރިޔާގެ ގޭގައި މަސައްކަތްކުރަން ހުއްޓައެވެ. އެވަރުންވެސް ކުރަންހުރި މަސައްކަތްކޮށްދީ ކައްކައިދިނެވެ. މަސައްކަތްތައް ނިންމާފައި ނުކުމެގެންދިއައީ ލޮލުން ކަރުނަފުހެމުންނެވެ.
ބައްޕަ ގެއަށް އައުމުން ދަރިފުޅު އެވާހަކަ ބައްޕަގެ ގާތުގައި ބުނީވެސް ރޮމުންނެވެ. ދައްތައަށް އެހީތެރިވެދިނުން އެދި އާދޭސްކުރަމުންނެވެ. އެހެންވެ ބައްޕައަށް ވަރަށް އަސަރުކުރިއެވެ.
ރޭގަނޑުވެ ޢިޝާނަމާދުވެސްކޮށްލައިގެން ކޮޓަރިން ނުކުމެ އިންދާ އަވަށްޓެރިޔާ އައުމުން މަރުޙަބާކިޔެވެ. ނަމަވެސް ވާހަކަދައްކާނެ ހިތްވަރު ނުލިބިގެން އިންދައި ވާހަކަދައްކަންފެށީ އަވަށްޓެރިޔާއެވެ. "މިވާހަކަ އަހުރެން ދައްކަން ބޭނުންވެގެން ހުންނަތާ ކިތަންމެ ދުވަހެކެވެ. އެކަމަކު އަދި ވަޤުތު ނުޖެހޭ ކަމަށް ހީކޮށް ކެތްތެރިވެގެން ހުއްޓައި އަހުރެންގެ ދަރިފުޅު އެވަޤުތު މިއަދު ޖައްސައިފިއެވެ. ތިބާއަށް ކުރިމަތިވެގެންއުޅޭ ކުލިނުދެއްކޭ މައްސަލައިގެ ވާހަކަ ދެއްކީ ރޮމުންނެވެ. އަހުރެންގެ ޙާލަތުހުރި ގޮތުން ކުލި ދައްކައިދެވޭކަށް ނެތެވެ. އެކަމަކު ތިބާ ބޭނުންނަމަ ބޯހިޔާވަހިކަން ގެއިން ދީފާނަމެވެ. އެކަމަކު ހިލޭ ދެމީހުން އެއްގެއެއްގައި އުޅުމަކީ ރަނގަޅުކަމެއް ނޫންވީމާ އެންމެ ރަނގަޅު ގޮތަކީ ދެމީހުން ކައިވެނިކުރުމެވެ. ލޯބިވުމުގެ މައްސަލަ ބާއްވާށެވެ. ޙަލާލު ދިރިއުޅުމެއް އުޅެވޭތޯ ބަލަމާ ހިނގާށެވެ. އަހުރެންގެ ދަރިފުޅު ބަލާފަދައިން ތިބާގެ ދެދަރިންވެސް ބަލައިދޭނަމެވެ."
އެހެން ގޮތެއް ނެތުމުން އޭނާވެސް އެކަމަށް އެއްބަސްވުމުން ކައިވެނިކޮށް އެގެއަށް ބަދަލުވީއެވެ. ލޯބި އުފެދެންފެށީ ދެމީހުން އެކުގައި އުޅެންފެށުމުންނެވެ. ތެދަށްބުނާނަމަ ދެމީހުންގެ މެދުގައި ގާތްކަމެއް އުފެދުނީ މަހެއްހައި ދުވަސްފަހުންނެވެ.
އެކައިވެންޏަށް މިހާރު 8 އަހަރެވެ. ދެމަފިރިންނާއި 3 ދަރިންވެސް އުޅެމުން އެގެންދަނީ ވަރަށް އުފަލުގައެވެ. ފިރިމީހާއަށް ޕްރަމޯޝަން ލިބި މިހާރު އެއީ ފުދުންތެރި ޢާއިލާއެކެވެ. އަނބިމީހާއަށް ފްލެޓް ލިބި އެފްލެޓްވެސް ހުންނަނީ ކުއްޔަށްދީފައެވެ.
މިއީ އަޅުގަނޑުގެ އެކުވެރި އަންހެނެއްގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ ނިކަމެތި ޙާލުގައިވެސް އަވަށްޓެރިންނަށް އެހީތެރިވެދީ ޢަބުރުވެރި ދިރިއުޅުމެއް އުޅޭނަމަ ދިރިއުޅުމަށް މިފަދަ ރަނގަޅު ގޮތްތައް މެދުވެރިވާނެ ކަމަށެވެ.
ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ