ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ޒޯން 4 ގައި ހިމެނޭ ލ. އަތޮޅުގައި އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. ލ. ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރު ޤައުރަވް އާއި، އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު އަދި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޗެއާމަން މުޙައްމަދު އަފީފް ހުސައިން އާއި، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އަތޮޅުގެ ރަށު ކައުންސިލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ލ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. މީގެ ސަބަބުން ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން އޭޕްރީލް 1 އިން 7 ގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް ފެރީގެ ދަތުރުތައް ކުރާނީ މުޅިން ހިލެއެވެ. މި މުއްދަތުގައި ކަސްޓަމަރުންނަށް ޝެޑިއުލްތަކަށް އަހުލުވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި މުއްދަތުގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ޖާގަ ހޯދުމަށް ގުޅަންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.
އޭޕްރީލް 8 އިން ފެށިގެން ޚިދުމަތަށް އަގު ނަގަން ފަށާނެއެވެ. އަގު ނަގަން ފެށުމާއެކު ކައުންސިލްތައް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލައި، އާރްޓީއެލް ވެބްސައިޓް ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ބައްލަވައިގަނެވޭނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ޚިދުމަތަށް އަގު ނަގަން ފެށި ނަމަވެސް، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަބަދުވެސް މި ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.