އިޔާދަކުރަނިވި ހަކަތައިން ދުއްވާ ސޯލާ ފެރީތަކެއް ރާއްޖެއަށް ތައާރަފްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިޔާދަކުރަނިވި ހަކަތައިން ދުއްވާ ސޯލާ ފެރީތަކެއް ރާއްޖެއަށް ތައާރަފްކުރަނީ

ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވާ ސޯލާ ފެރީތަކެއް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ  ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭނުންކުރާ ޒަމާނީ ފެންވަރުގެ ފެރީތަކަކީ ބާރު ދުވެލީގައި ދަތުރުކުރާ އުޅަނދުތަކަކަށް ވީނަމަވެސް، އެ އުޅަނދުތަކުގެ ތެލަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން، މި ނިޒާމަކީ ހަރުދަނާ އަދި ތެޔޮ ވީހާވެސް މަދުން ބޭނުންކުރާ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރިއަތް އޮތްތަނުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ލޯންޗް ބަންނަ ފަރާތްތަކުންވެސް މިކަމުގެ އެފިޝިއަންސީއަށް ބަލާނެކަމަށް ޤަބޫލުކުރަން. އެކަންކަން ކުރެވޭނެކަމަށް ޤަބޫލުކުރަން،" ވަޒީރު ވިދާޅުވިއެވެ.

ސޯލާ ފެރީތަކާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ލަސްތަކެއް ނުވެ ސޯލާ ފެރީ ރާއްޖެ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތައް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަތުރުފަތުރުގެ ޚިދުމަތް ދެވޭނެ މަގު ފަހިކުރުމެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ދާއިމީ ސޯލާ ފެރީ ސިސްޓަމެއް ޤާއިމްކުރެވޭނެ ކަމުގެ އުންމީދު އޮތްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މި ނިޒާމު ޚާއްޞަކޮށް ބައްޓަންކުރެވޭނީ ކައިރި ރަށްރަށަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށް ކަމަށެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން