ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ކަންކަން އިންތިޒާމު ކުރެވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ، އެ ކޮމިޝަނުން އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ކޮމިޝަނުން ބުނީ އެ އިދާރާގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަޤީގަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ވަކިގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ވޯޓުލުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން އިރުޝާދު ނުދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
މީގެ އިތުރުން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޮންމެ ވޯޓުލާ މީހަކަށްވެސް ތިން ކަރުދާސް ދޫކުރާނެ ކަމަށާއި، އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމުގެ ފުރުސަތު ފުރިހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.