ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ސިނާޢަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ތަރައްޤީކުރެވޭ ދާއިރާއެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، އައު ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ސަރުކާރުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޒުވާނުންގެ މެދުގައި މަޤުބޫލުވަމުންދާ "ސްޕޯޓްސް ފިޝިންގ" ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަން ފުޅާކުރުމަށް ވަނީ އިސްކަންދީފައެވެ. މިގޮތުން ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން ފަސް ސަރަހައްދެއްގައި ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު ހިމެނެއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ސަރަހައްދުތަކުގައި ބަނދަރު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާތީ، މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ބެލުމުގެ މަރުހަލާއެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު ދިރުމެއް ލިބި، ޒުވާނުންނަށާއި މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

މިއަދު އޮންލައިން