މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހުޅުވާލައިފި

މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ހުޅުވާލައިފިއެވެ. މިއީ މެޑިކަލް ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް އެ ހޮސްޕިޓަލުން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ޖުމްލަ 15 ފުރުޞަތެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އެޕްރީލް 2026 އިން ފެށިގެން 25 މޭ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި ޚާއްޞަ އުޞޫލުތަކަކަށް ބަލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން ބައިވެރިން ހޮވުމުގައި އިސްކަންދޭނީ "އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލް ފޮނުވާ ތަރުތީބަށް" ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހި ޑޮކްޓަރުން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން