އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށް ނިންމައިފިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް، ރަށްރަށުގައި ތިބެގެން އަސާސީ ސިއްޙީ ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވާ ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ބަޖެޓާއި 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައި، މި މަސައްކަތް ސަރުކާރާ ހަވާލުކުރެއްވި ހިސާބުން ފެށިގެން މިހާތަނަށް 18 ލެބޯޓަރީއެއް ވަނީ ހުޅުވިފައެވެ. އެމަނިކުފާނު ވިދާޅުވީ "2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ މިކަން ހަމަޖައްސަވާ މިއަށް ފައިސާ ދެއްވާ އަޅުގަނޑުމެންނާ މިކަން ހަވާލުކުރެއްވި ހިސާބުން 2025 ވަނަ އަހަރު ފަހުކޮޅުން ފަށައިގެން މިހުޅުވަނީ 18 ލެބޯޓަރީ" ކަމަށެވެ.
ސިއްޙީ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް މިހާތަނަށް ޤާއިމްކުރެވިފައި ނެތް 76 ރަށެއްގައި އެ ޚިދުމަތް އަލަށް ފެށުމެވެ. މި މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން، ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 4 ރަށެއްގައި އެކްސްރޭގެ ޚިދުމަތްވެސް ވަނީ އަލަށް ފަށާފައެވެ. މިއީ އަތޮޅުތެރޭގެ ރައްޔިތުން ސިއްޙީ ފަރުވާއަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ޚަރަދު ކުޑަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.