އިންތިޚާބާ ގުޅިގެން ހޮނިހިރު ދުވަހު ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިންތިޚާބާ ގުޅިގެން ހޮނިހިރު ދުވަހު ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން، ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަނާކޮށްފިއެވެ.

މިކަމާގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިގޮތަށް ނިންމީ އިންތިޚާބާ ގުޅިގެން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ. މި ނިންމުމުގެ ދަށުން ވަކި ކެޓަގަރީތަކެއްގެ އުޅަނދުތައް ވަކި ވަގުތުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައެވެ.

މި އެންގުމުގެ ދަށުން ދުއްވުން މަނާކޮށްފައިވަނީ A, B, C0, C2, D, E ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން V ކެޓަގަރީގެ އުޅަނދުތަކެވެ. މީގެ ތެރޭގައި ހިމެނެނީ ބަރު މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ހެވީ ވެހިކަލްތަކެވެ. މި އުޅަނދުތައް ދުއްވުން މަނާކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 ގެ ނިޔަލަށެވެ.

މި ވަގުތުތަކުގައި މާލޭގެ މަގުތަކުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، ޚާއްސަ ހުއްދައެއް ލިބިފައިވާ އުޅަނދުތައް މި އެންގުމުން އިސްތިސްނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު "އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ" ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް ފުރިހަމައަށް ބޯލެނބުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން