ރަސްމާލެ ސަރަހައްދުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރަސްމާލެ ސަރަހައްދުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބިންވެރިޔާ ސްކީމް މެދުވެރިކޮށް ރަސްމާލެ ސަރަހައްދުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. މި ފުރުސަތަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ބައެކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ކުރިއަށްދާނެއެވެ. މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެ ސަރަހައްދުން ކަނޑައަޅާފައިވާ 1،250 އަކަފޫޓުގެ ބިންތަކެވެ. މި މަސައްކަތް ކުރިއަށްދަނީ މިއަހަރުގެ މާރިޗު މަހު ޝާއިއުކުރި ބިންވެރިޔާ ސްކީމްގެ އުސޫލުތަކާ އެއްގޮތަށެވެ.

މި ސްކީމަކީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގުޅިގެން ގޯތި ލިބުނު ފަރާތްތަކުން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެ ފަރާތްތަކަށް ވަކިވަކިން ގޯތި ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ ހާއްސަ އުސޫލެކެވެ. މީގެ އިތުރުން، ކުރީގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ކުރިން ކުރިމަތިނުލެވުނު ފަރާތްތަކަށް ވެސް މިހާރު މި ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން، އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ދެމަފިރިންގެ ތެރެއިން އެކަކަށް ގޯތި ލިބިފައިވީ ނަމަވެސް، އަނެކަކަށް ގޯއްޗަށް ކުރިމަތިލެވޭނެ އައު ކެޓަގަރީއެއް މިހާރު ވަނީ ތައާރަފުކޮށްފައެވެ. މި އައު އުސޫލުގެ ދަށުން ކުރިމަތިލާއިރު ކައިވެނީގެ ސެޓްފިކެޓާއި، މިލްކިއްޔާތުގައި ބިމެއް ނުވަތަ ފްލެޓެއް އޮތް ނަމަ އެކަމުގެ ލިޔެކިޔުންތަކާއި، މާލޭގެ ރަށްވެހިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންތައް ހުށަހަޅަން ޖެހެއެވެ.

ސަރުކާރުން ބޯހިޔާވަހިކަމަށް ގެންނަ ބޮޑު ބަދަލުގެ ދަށުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު، ބައެއް ސަރަހައްދުތައް މިހާރު ވަނީ އެއްކޮށް ހިއްކާ ނިންމާލާފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ގިނަ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު އެއް މަޝްރޫއެވެ.

މިއަދު އޮންލައިން