މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށްޓަކައި ބިނާކުރާ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި، އޭވީ ރޫމެއްގެ އިތުރުން ހެލްތް ރޫމެއް ހިމެނޭނެއެވެ. ޖުމްލަ 18.80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ މުއްޔަކީ އަތޮޅުގެ އެހެން ރަށްރަށުންވެސް ގިނަ އަދަދެއްގެ ދަރިވަރުން ތަޢުލީމު ހާސިލްކުރުމަށް އަންނަ ރަށެކެވެ. ގާތްގަނޑަކަށް 1020 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ސްކޫލުގައި މިހާރުވެސް 240 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އައު އިމާރާތާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ދަރިވަރުންނާއި މުދައްރިސުންނަށް އުނގަންނައިދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢު ހަވާލުކުރެވުނު އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.