އަސާސީ ބޭސް ހޯދުމަށް އެހީތެރިވުމަށް ހާއްސަ ހޮޓްލައިން 1505 ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަސާސީ ބޭސް ހޯދުމަށް އެހީތެރިވުމަށް ހާއްސަ ހޮޓްލައިން 1505 ތައާރަފްކޮށްފި

އަސާސީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ދައުލަތުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ހާއްސަ ހޮޓްލައިން ނަންބަރެއް މިއަދު ތައާރަފްކޮށްފިއެވެ. މި ޚިދުމަތް މިއަދުން ފެށިގެން ރަސްމީކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސްޓޭޓް ފާމަސޫޓިކަލްސްއިން ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1505 އެވެ. މި ނަންބަރަކީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ކަނޑައަޅާފައިވާ ނަންބަރެކެވެ. މި ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.

މި ހޮޓްލައިން މެދުވެރިކޮށް ބޭސް ހޯދުމާއި، ބޭހާ ގުޅޭ މުހިންމު މައުލޫމާތުތައް އޮޅުންފިލުވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ޚާއްސަކޮށް އަސާސީ ބޭސްތަކަށް އޯޑަރު ދިނުމާއި، އެ ބޭސްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި މި ހޮޓްލައިންގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ދައުލަތުގެ ބޭސް ކުންފުނިން އިތުރަށް ވިދާޅުވީ، މި ޚިދުމަތް ފަށައިގަންނައިރު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ބޭސްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކި މަރުހަލާތަކަށް ބަހާލައިގެން، އިތުރު ބޭސްތައް ހޯދުމާއި އެހެނިހެން ޚިދުމަތްތަކަށް އެދުމުގެ ފުރުސަތުވެސް މި ނަންބަރު މެދުވެރިކޮށް ފަހިކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން