ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ހިންގާ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އިސްކަމެއް ދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ފުރުޞަތު އޭޕްރީލް 1 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް އޮންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މީގެ ކުރިން އަމަލުކުރަމުން އައި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް އޮތް ނަމަވެސް، އޭރުގެ އުސޫލު އޮތްގޮތުން އެދިލައްވާ ފަރާތްތަކުން ޖެހެނީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ބައިގައި ފާހަގައެއް ޖަހާލާށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އުސޫލަށް ގެނައި ބަދަލާއެކު، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ކުޑަކޮށްދީފައެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހެނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ސަރުކާރުން ވަނީ މި ކެޓަގަރީއަށް ޚާއްޞަކޮށްގެން 100 ފްލެޓް ކަނޑައަޅާފައެވެ.