ދަރަވަންދޫ އެއަރޕޯޓް ޓަރމިނަލް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަރަވަންދޫ އެއަރޕޯޓް ޓަރމިނަލް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫ އެއަރޕޯޓް ޓަރމިނަލް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ދަރަވަންދޫ އެއަރޕޯޓް ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދަރަވަންދޫ އެއަރޕޯޓް ހިންގުން ވަނީ ރަސްމީކޮށް އައިލެންޑް އެވިއޭޝަން ސާރވިސަސްއާ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެ ކުންފުނިން ވަނީ ދަރަވަންދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްޞީލީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް އާންމުންނަށް ދައްކާލާފައެވެ.

މި މަޝްރޫޢުގެ ދަށުން އެއަރޕޯޓް ޓަރމިނަލް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ސިފަވާ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މަސައްކަތް ނިމޭއިރު މިހާރު ހުރި ޓަރމިނަލް އިމާރާތުގެ އިތުރުން އެރައިވަލް ހޯލާއި ޗެކިން އޭރިޔާ ވެސް ދެ ގުނަ ބޮޑު ކުރެވިގެންދާނެ ކަމަށް އައިލެންޑް އެވިއޭޝަނުން މަޢުލޫމާތުދެއެވެ.

ޓަރމިނަލްގެ އެތެރޭގެ ފަރުމާ ހިތްގައިމުކޮށް ތަރައްޤީ ކުރާއިރު، ފަސިންޖަރުންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ތިން ގޭޓާއެކު އެއް ފަހަރާ ތިން މަތީންދާބޯޓަށް ޚިދުމަތް ދެވޭނެ ފެންވަރަށް އެއަރޕޯޓުގެ ވަސީލަތްތައް ތަރައްޤީ ކުރެވޭނެއެވެ.

ދަރަވަންދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ދަރަވަންދޫގެ އިތުރުން މުޅި ބ. އަތޮޅަށާއި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މި މަސައްކަތް އައިލެންޑް އެވިއޭޝަނާ ޙަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިދިޔަ އަހަރުގެ އޯގަސްޓް މަހު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

މިއަދު އޮންލައިން