ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތު އިތުރުކޮށްފިއެވެ. ކުރިން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް މި ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލާފައެވެ.
މި ނިންމުމަކީ ރާއްޖޭގައި ބިދޭސީން ގެންގުޅޭ ވަޒީފާދޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށް ދާޚިލީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި ޕްރޮގްރާމަކީ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އެކެވެ. މީގެ މައިގަނޑު އަމާޒަކީ ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވީ، "މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު" ކަމަށެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު އިތުރު އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ. އޭގެ ތެރޭގައި އެއްވެސް ސަބަބަކާ ހުރެ ބްލެކް ލިސްޓްކޮށްފައިވާ ބިދޭސީއަކަށް ނުވުމާއި، މިވަގުތު ރާއްޖޭގައި ހުރި ބިދޭސީއަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެ ބިދޭސީއަކީ މީގެ ކުރިން އެއްވެސް ފަހަރަކު ލީގަލައިޒްވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
އަދި ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން އެ މީހަކަށް ވަރކް ޕަރމިޓް ދޫކޮށްފައިވާ ފަރާތަށް ވެގެން ނުވާނެ ކަމަށާއި، އެ ބިދޭސީއަކީ ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ދާޚިލީ ވުޒާރާއިން ކަނޑައަޅާފައިވެއެވެ.