ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން، ރާއްޖެއަށް އާއްމުކޮށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް އަސާސީ ބައެއް ކާބޯތަކެއްޗާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި މިއަހަރު ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި، މި ނިންމުމަކީ ދިވެހި ސަރުކާރުން އެދިފައިވާ މިންވަރަށް ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު އަދި މުގުގެ އިތުރުން، ހިލައާއި ހިލަވެލި ފޯރުކޮށްދިނުމަށް ނިންމި ނިންމުމެކެވެ. މިއީ އާއްމުކޮށް ރާއްޖެއަށް މި ބާވަތްތައް އެކްސްޕޯޓް ކުރާ ކޯޓާއަށްވުރެ އިތުރު މިންވަރެކެވެ.
އިންޑިއާ ހައިކޮމިޝަނުން އިތުރަށް ވިދާޅުވީ، އެ ގައުމުން އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އެ ގައުމުން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ކޮމިޝަނުން ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.